ސަރުކާރު ސްކޫލުތަކުގެ މަރާމާތާއި ކުލަލުން ފަދަ
ކަންކަމަށް ބެލެނިވެރިން ލައްވައި ޚަރަދު ކުރުވަމުންދާކަމަށް މައުލޫމާތު ލިބިފައިވާއިރު،
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ޖަވާބެއް ނުލިބުނެވެ.
ސަރުކާރުގެ ސްކޫލުތަކުގެ މަރާމާތާއި ބެލެހެއްޓުމުގެ
ޒިންމާ އޮތީ ސަރުކާރުގެ ކިބައިގައި ކަމުގައިވިޔަސް، މިކަންކަން ކުރުމަށް ބެލެނިވެރިންގެ
ފައިސާ ޚަރަދު ކުރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، މިކަމާ ގުޅިގެން ރާއްޖެޓީވީގެ
ފަށާއިރު ޕްރޮގްރާމް މެދުވެރިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ބުރާސްފަތި ދުވަހު
ވަނީ ގުޅާފައެވެ.
ނަމަވެސް މިނިސްޓްރީއަށް ތަކުރާރުކޮށް ގުޅުމުން ވެސް
މިކަމާ ގުޅުންހުރި މީހަކާ ވާހަކަ ދެކެވޭގޮތެއް ނުވިއެވެ. ރިސެޕްޝަނުން ފޯނު ނެގުމަށްފަހު
ކަމާ ގުޅުންހުރި ފަރާތަކަށް ޕާސް ކުރި ނަމަވެސް، ފޯނު ނަގާފައެއް ނުވެއެވެ. އަދި
އެތައް ފަހަރަކު ގުޅުމުން މީޑިއާގެ ނަންބަރެއްކަމަށް ބުނެ ނަންބަރެއް ދިން
ނަމަވެސް، އެ ނަންބަރުން ވެސް ފޯނު ނަގާފައެއް ނުވެއެވެ.
ތައުލީމީ ނިޒާމުގައި ބެލެނިވެރިންގެ ބައިވެރިވުން
މުހިންމު ކަމުގައިވިޔަސް، ސްކޫލުތަކުގެ މަރާމާތާއި ބެލެހެއްޓުމުގެ ޚަރަދުތައް ބެލެނިވެރިންގެ
ކިބައިން ހޯދުމަކީ ޒިންމާދާރުކަމެއް ނޫންކަމަށް ގިނަ ބެލެނިވެރިން ގެންދަނީ
ބުނަމުންނެވެ.
ވަކިން ޚާއްސަކޮށް ސަރުކާރު ސްކޫލުތަކުގެ އިމާރާތްތަކާއި
އެއިން ލިބޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ބަޖެޓުން ފައިސާ ހަމަޖެއްސުމަކީ ސަރުކާރުގެ
ޒިންމާއަކަށްވާއިރު، މިކަމުގައި ދަތިތަކެއް ހުރިނަމަ އެކަން ސާފުކޮށް ބަޔާންކުރުމަކީވެސް
މުހިންމު ކަމެކެވެ.
މީގެ އިތުރުން، ބެލެނިވެރިންގެ ފައިސާ ޚަރަދު ކުރުވަމުންދާނަމަ،
އެކަން ކުރަމުންދަނީ ކޮން އުސޫލެއްގެ ދަށުންތޯ އަދި އެކަން މިނިސްޓްރީން ރަސްމީކޮށް
ހުއްދަ ކުރެވިފައިވާ ކަމެއްތޯ ސާފުކޮށްދިނުމަކީވެސް މިނިސްޓްރީގެ ޒިންމާއެކެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ
ބަހެއް ލިބިފައިނުވާއިރު، ސަރުކާރުގެ މުއައްސަސާތަކުން ރައްޔިތުންނާއި މީޑިއާއަށް މައުލޫމާތު
ދިނުމުގައި ހުރަސްތަކެއް ކުރިމަތިވުމަކީ އަބަދުވެސް ފާހަގަކުރެވޭ ކަމެކެވެ.