މިއަދު ފެންނަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަންކަމަށް ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ
ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިކް ވިދާޅުވީ މީގެ ކުރިންވެސް ސަރުކާރުތަކުން
އަނިޔާވެރިކަން ފެނިފައިވީ ނަމަވެސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ހާ
އަނިޔާވެރިއެއް ނޫންކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރުން ނުޙައްޤުން މީހުން ވަޒީފާއިން ވަކިކުރުމުގެ
މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި، މިއީ ކުރިން ދެކިފައިނުވާ ޒާތުގެ
މައްސަލަތައްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ
އިތުރުން، ނުޙައްޤުން މީހުން ވަޒީފާއިން ވަކިކުރާއިރު އެ ގެއްލިގެންދަނީ ހަމައެކަނި
އެމީހާގެ ޙައްޤެއް ނޫންކަމަށާއި އެ ޙާލަތުގައި ބިކަވެގެން އެދަނީ އާއިލާއެއްކަމަށް
ވަކީލު ވިދާޅުވިއެވެ. އެގޮތުން ރަށަކުން ވިއްސަކަށް މީހުން ވަޒީފާއިން ކަނޑާލާއިރު
ވަރަށް ބޮޑު ލޮޅުމެއް އަދި ގެއްލުމެއް އާއިލާތަކަށް ލިބިގެންދާނެކަން އައިކް ފާހަގަކުރެއްވިއެވެ.
ނުޙައްޤުން މީހުން ވަޒީފާއިން ވަކިކުރާއިރު އެ ގެއްލިގެންދަނީ ހަމައެކަނި އެމީހާގެ ޙައްޤެއް ނޫން، އެ ޙާލަތުގައި ބިކަވެގެން އެ ދަނީ އާއިލާއެއް، ރަށަކުން ވިއްސަކަށް މީހުން ވަޒީފާއިން ކަނޑާލާއިރު ވަރަށް ބޮޑު ލޮޅުމެއް އަދި ގެއްލުމެއް އާއިލާތަކަށް އެ ދެވެނީ.ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ
އައިކް ވިދާޅުވީ
ސިޔާސީ ވެގެންގޮސް މިހާރު މި އޮތީ ހައްދުފަހަނަ އަޅާފައިކަމަށާއި އޭގެ އެތައް މައްސަލަތަކެއް
މިފަހުންވެސް ފެންމަތިވެފައިވާކަމަށެވެ. އަދި މިހާރުވެސް ފަސްދޮޅަހަކަށް މައްސަލަ ޓްރައިބިއުނަލްއަށް
ހުށަހަޅާފައިވާކަމަށް އައިކް ވިދާޅުވިއެވެ.
މީގެ
އިތުރުން، ވަޒީފާއިން މީހަކު ވަކިކުރާއިރުވެސް ޤާނޫނީ އުސޫލުތަކެއް އެބަހުރިކަމަށާއި
އެ އުސޫލުތަކަށް ތަބާ ނުވުމަކީ ހިތާމަހުރި ކަމެއްކަމަށް އައިކް ވިދާޅުވިއެވެ. މިއަދު
ފެންނަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަންކަމަށްވެސް
ވަކީލު ފާހަގަކުރެއްވިއެވެ.
ސަރުކާރުން
މީހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މިއީ ކަންބޮޑުވާންޖެހޭ
ކަމެއްކަމަށާއި ޤާނޫނީ އުސޫލުތަކަށް ތަބާވެގެން މިކަންކަން ކުރުމަކީ މުހިންމު ކަމެއްކަމަށް
އައިކް ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރު
ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިނގަމުންދާ އަމަލުތައް ހުއްޓާލަން
ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ
ބުރާސްފަތި ދުވަހުގެރޭ މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމާފައެވެ.