ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި ކަމަށްވާ މޯލްޑިވް ގޭހުން ވިޔަފާރީ ތަންތަނަށް ވިއްކާ ގޭހުގެ އަގު ބޮޑުކުރުމަށް ނިންމައިފި އެވެ.

މި ބަދަލާއެކު ރިސޯޓުތަކަށް ވިއްކާ ގޭހުގެ އަގު 25 އިންސައްތަ އަދި ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގު 15 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މޯލްޑިވް ގޭހުން ބުނީ މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގަށް ކަމަށާއި، އާންމު ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ.

އަގަށް ގެނައި މި ބަދަލާއެކު 45 ކިލޯގެ ގޭސް ފުޅިއެއް ރިސޯޓު ތަކަށް ރީފިލްކޮށްދެނީ 1،345.50 ރުފިޔާ އަށް ކަމަށާއި، މީގެ ކުރިން އެ ވަރުގެ ގޭސް ފުޅިއެއް ރީފިލްކޮށްދެނީ 1،170 ރުފިޔާއަށް ކަމަށް މޯލްޑިވް ގޭހުން ބުނެފައިވެ އެވެ. 

އެއާއެކު 22 ކިލޯގެ ގޭސް ފުޅިއެއް ވިޔަފާރީ ކަސްޓަމަރުންނަށް ރީފިލްކޮށްދެނީ 500 ރުފިޔާއަށް ކަމަށާއި، މީގެ ކުރިން އެ ވަރުގެ ފުޅިއަކަށް ގޭސް އަޅައިދެނީ 400 ރުފިޔާއަށް ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ. 

މޯލްޑިވް ގޭހުން ބުނީ އަގަށް މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ގޭސް ލިބުން ދަތިވެ، ގޭސް އިމްޕޯޓް ކުރުމަށް ކުރަންޖެހޭ ހަރަދު އެތައް ގުނައެއް ބޮޑުވެފައިވާތީ ކަމަށެވެ. 

ގޭހުގެ އަގަށް މި ގެނެވުނު ބަދަލާއެކު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތަށް ބޮޑުވާނެކަމަށް ލަފާކުރެވެ އެވެ.