ހއ. ވަށަފަރު މީހުން އުނބައްޖެހީ ހަޔާތުގައި ވެސް އެންމެ ފަހަރަކު ކަމަށާއި، ނަމަވެސް އެކަން ސަގާފަތަކަށް ވެގެން ދިއުމުން ކަމަކު ނުދާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ފުރިހަމަ ނުވާކަމަށް ވިދާޅުވެ، އެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމާ ގުޅިގެން، މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ސަރުކާރާއި މަޖިލީހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، މުސްކުޅި ބަންޑާރައިންގެ ތިރީސް، ސާޅީސް އަހަރުވީ ރަސްކަން ނިމުމަށްފަހު، ރާއްޖޭގައި އުފެދުނު ކޮންމެ ވެރިކަމެއް ނިމިގެންދިޔައީ "ޅިޔަންފަހަރީންގެ" ސަބަބުން ކަމަށެވެ. އަދި ކޮންމެ ވެރިކަމެއްގައި ވެސް ކަތުރުފަންޏަކަށް ވެފައިވަނީ އެ ފަރާތްތައް ކަމަށާއި، މިއަދު ރަސްކަމެއް ނެތް ނަމަވެސް ގައުމުން އެ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބިލުތައް ދިރާސާކުރުމަށް މަޖިލީހުގެ ކޮމިޓީތައް ހިނގާކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ، ޒިޔާދު ވަނީ ސަރުކާރުން ފޮނުވާ ބިލުތައް އެކަށީގެންވާ ވަރަށް ދިރާސާނުކޮށް ފާސްކުރުމަށްފަހު، އަނބުރާ ފޮނުވާލަން ޖެހުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ވަޒީރުން ބިލުތައް ފޮނުއްވާއިރު އަދި މަޖިލީހުން އެ ބިލުތައް ދިރާސާކުރާއިރު މިއަށްވުރެ ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިފަހަރު ބިލު ކިޔާލެއްވީތީ އެއީ ނަސީބެއް ކަމަށްވެސް ޒިޔާދު ވިދާޅުވި އެވެ.

މިކަން ކުރާއިރުގައި އަޅުގަނޑު މި ބުނަނީ، ވަށަފަރު މީހުން ވެސް އެންމެ ފަހަރަކު ހަޔާތުގައި އުނބައްޖެހީ. އެހެންނަމަވެސް، މިއީ ސަގާފަތަކަށް ވީމަ ކަމަކުނުދާނެ. ކޮންމެ އެއްޗެއް ފޮނުވައިލައި، ވަޒީރުން ވެސް ހަމަ އެހެން، އެއްތަނުން އަނެއްތަނަށް. ސަރުކާރުން ފޮނުވާ ބިލެއް ދިރާސާކޮށް އެ ފޮނުވީމަ، ރައީސުލްޖުމްހޫރިއްޔާ އަނެއްކާ އެ އަނބުރާ މި ތަނަށް ފޮނުވައިލީމާ އެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑު ވެސް ގަބޫލުކުރަން، ސަރުކާރު ދިފާޢުކުރަންވާނެ. އިއްޒަތްތެރި ރައީސް. އެހެންނަމަވެސް، އަޅުގަނޑުމެން މަޖިލިސް މެންބަރުން ބޮލާފޮށާ އަޅައިގެން ސަރުކާރެއް ރީތިކުރަން އުޅެވިއްޖެއްޔާ އަޅުގަނޑުމެންގެ ނުފެންނަންވާ ތަންތަން ވެސް ފެންނާނެ. އެހެންވީމާ، އަޅުގަނޑުމެން ބޮލާފޮށާ ނޭޅި، އަޅުގަނޑުމެން ސަލާމަތުގައި ތިބެގެން ސަރުކާރެއް ދިފާޢުކުރަންވަންޖެހޭނެ. 
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

އޭނާ ވިދާޅުވީ ސަރުކާރު ދިފާއުކުރަންވާނީ ސަލާމަތުގައި ތިބެގެން ކަމަށާއި، ލޯބިވާންވާނީ ވެސް ހިތަށް ކުޅަދާނަ މިންވަރަށް ކަމަށެވެ. އަދި ބިލެއް އަނބުރާ ފޮނުވާލުމަކީ މަޖިލީހުގައި އަޑުގަދަކޮށް ޒުވާބުކުރަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސަށް މުހާތަބުކުރައްވައި ޒިޔާދު ވިދާޅުވީ، މަޖިލީހުގެ އިއްޒަތާއި ކަރާމާތް ހިފެހެއްޓުމަކީ ރައީސްގެ ޒިންމާއެއް ކަމަށެވެ. ދައުލަތުގެ ތިން ބާރު ވަކިވެފައިވާއިރު، އެއް ބާރުގެ ވެރިޔަކީ މަޖިލީހުގެ ރައީސްކަން ހަނދާންކޮށްދެއްވަމުން ޒިޔާދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަނީ ހަމައެކަނި ދެކޮޅުވެރިވުމުގެ ގޮތުން ނޫން ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ، އެ ބޭފުޅުންނަކީ ހަމައެކަނި އިދިކޮޅު މީހުން ނޫން ކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މެންބަރުން ކަމަށެވެ. މަޖިލީހުގެ އެންމެ ބޮޑު ޒިންމާއަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށްވާއިރު، ބިލުތައް ފޮނުވާއިރު ކޮމިޓީތަކުން ބަލަންވާ ވަރަށް ނުބަލާކަން މި ހާދިސާއިން ހާމަވެގެން ހިނގައްޖެ ކަމަށް ޒިޔާދު ވިދާޅުވި އެވެ.