ލ. ގަމުގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ރަށުގެ
ސިއްޙީ ނިޒާމު ބަލިކަށިވެ، ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ލިބުމުގައި ހުރި ހުރަސްތައް
ކަމަށް ގަމު ކައުންސިލުގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވެއްޖެއެވެ.

 ރާއްޖެޓީވީގެ
"ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަފްސަލް ވިދާޅުވީ ގަމުގައި
ރީޖަނަލް ހޮސްޕިޓަލެއް ހުރި ނަމަވެސް، އެތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހަގީގަތުގައި
ވަރަށް ދަށް ކަމަށެވެ.

އަފްސަލް ވިދާޅުވީ ލ. އަތޮޅުގެ އިތުރުން ތ. އަތޮޅުގެ
ރަށްތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށާއި ސިއްޙީ އެކި
ޚިދުމަތްތައް ހޯދުމަށް ގަމަށް ޒިޔާރަތް ކުރާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ މިހާރުގެ
ހާލަތު ހުރި ގޮތުން ޚިދުމަތްތައް ބޮޑުތަނުން ހަރުދަނާ ކުރަންޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލަކީ ނަމެއްގައި ހުރި ތަނެއްގެ ގޮތުގައި އަފްސަލް ވަނީ ސިފަކުރައްވާފައެވެ.

ގަމުގެ ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން
ވެފައިވާ ވައުދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަފްސަލް ވިދާޅުވީ، ގަން ރީޖަނަލް
ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށްޓަކައި އެއްބަސްވުމުގައި ސޮއިކުރުން ފިޔަވައި
އަމަލީ ގޮތުން އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް ހިނގާފައި ނުވާ ކަމަށެވެ. މި
މަޝްރޫއު ކުރިއަށް ނުދާތީ ރައްޔިތުންގެ މެދުގައި ސުވާލުތަކެއް އުފެދިފައިވާކަން އޭނާ
ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ގަމުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް
ނުވަތަ ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ކުރިން ދެއްކި ވާހަކަތަކަށް
ވެސް އަފްސަލް ވަނީ އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވީ އެ ހޮސްޕިޓަލު ގަމުގައި
އެޅުމަށް ވާހަކަ ދެއްކުމަށްފަހު، މިހާރު އަނެއްކާވެސް އެތަން މާލޭގައި އެޅުމަށް ސަރުކާރުން
ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް
އިތުރު ތަފްސީލެއް ފަހުން ލިބިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލ. ގަމަކީ އާބާދީގެ ގޮތުންނާއި ޖިއޮގްރަފީ ގޮތުން
ބޮޑު ސަރަހައްދަކަށް ޚިދުމަތް ދޭންޖެހޭ ރަށަކަށް ވާއިރު، ސިއްޙީ ނިޒާމު މިހާރަށްވުރެ
ހަރުދަނާވެގެން ދިއުމަކީ މުޅި ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެކެވެ.
ނަމަވެސް މަޝްރޫއުތައް މަޑުޖެހިފައި އޮތުމަކީ ކައުންސިލުންނާއި ރައްޔިތުން އިންތިހާއަށް
ކަންބޮޑުވާ ކަމެއްގެ ގޮތުގައި އަފްސަލް ފާހަގަކުރެއްވިއެވެ.