މިދިޔަ
އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
(އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް، ދައުވާ
އުފުލާފައިވާ މީހުންގެ ޝަރީއަތް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލައިގައި
8 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ކެންދޫ
ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު
ފާތުމަތު ޒަހިއްޔާ (ޒާޔާ) ހިމެނިވަޑައިގަންނަވައެވެ.

މީގެ
އިތުރުން، ނ ހޮޅުދޫ އަބްދުއްސަލާމް، ނ ކުޑަފަރި މުޙައްމަދު ހަމާއިދު އަބްދުލް
ޣަނީ، ދެއްވަދޫ އަލީ ނައުފަލް، ހދ ކުޅުދުއްފުށީ އާއިޝަތު ނަޖުދާ އަލީ، ގދ
ގައްދޫ އަލީ މުޢައްވަޒް، އަދި މ ފެހިގެ ހުސައިން ރަޝީދުގެ މައްޗަށްވެސް ވަނީ
ދައުވާ އުފުލާފައެވެ.

އެ
އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް
ޤަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް
ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ. ބުދަ ދުވަހު އޮތީ
މައްސަލައިގެ އިބްތިދާއީ ބައި ކުރިއަށް ގެންދިއުމެވެ.

މި
އަޑުއެހުމަށް މެމްބަރު މައުރޫފް ފިޔަވައި ދެން ތިއްބެވި ފަރާތްތައް ހާޒިރުވިއެވެ.

މިއީ އިބްތިދާއީ
އަޑުއެހުންކަމަށްވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ ޖިނާއީ އިޖުރާއަތުގެ
ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތައް ކިޔައިދެއްވައި، ލިޔެކިއުންތައް ލިބިފައިވޭތޯ އަދި
ވަކީލެއްގެ ފުރުސަތު ބޭނުންވޭތޯ ސާފު ކުރައްވާފައެވެ.

މި
އަޑުއެހުމުގައި ނައުފަލް، މުއައްވަޒް، އަދި ހުސައިން ރަޝީދު ވަނީ ޕީޖީ އޮފީހާއެކު ނަސޭހަތުގެ
އެއްބަސްވުމެއް ހެދުމަށް އެމީހުންގެ ފަރާތުން ހުށަހަޅާފައިވާނެކަން
ފާހަގަކޮށްފައެވެ. އަދި މިހާތަނަށް ޖަވާބެއް ލިބިފައިނުވާކަމަށް އެމީހުން މި
އަޑުއެހުމުގައި ފާހަގަކުރިއެވެ.  

އެކަމާ
ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ، ނަސޭހަތުގެ
އެއްބަސްވުމާ ގުޅޭ ފޯމު ލިބިފައިވާ ކަމަށާއި، މިހާތަނަށް ޕީޖީ އޮފީހުން އަދި
އެކަމުގައި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

މީގެ
އިތުރުން، ދެން ތިބި ފަރާތްތަކުން ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް
ބޭނުންވާކަމަށް ބުނެފައެވެ. އެހެންވެ ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް 10
ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި ނަސޭހަތުގެ އެއްބަސްވުމާ ގުޅޭގޮތުން ޕީޖީ
އޮފީހުން ނިންމާ ގޮތެއް ބެލުމަށްފަހު އެކަމުގައި ދެން ނިންމަވަންޖެހޭ ކަންކަން
ނިންމަވާނެކަމަށް ވިދާޅުވިއެވެ.

ޕީޖީ އޮފީހާއެކު
ނަސޭހަތުގެ އެއްބަސްވުން އެކުލަވާލާ ޙާލަތްތަކުގައި މައްސަލައިގެ ދައުވާ އަނބުރާ
ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ނިންމިދާނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި އެ މުޒާހަރާގައި ވަނީ އާޓިފިޝަލް ބީޗުން ފެށިގެން މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ބާރާއި ހަތިޔާރު ބޭނުންކޮށްގެން އެ މުޒާހަރާއަށް ހުރަސްއަޅާފަ އެވެ.