އިންސާނުންގެ
ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ފުރިހަމަ ނުވާކަމަށް ވިދާޅުވެ، އެ ބިލާމެދު
އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ
ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވުމާ ގުޅިގެން، ސަރުކާރުގެ އިޚުލާޞްތެރިކަމާމެދު
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
ސުވާލު އުފައްދަވައިފިއެވެ.

މި ބިލަކީ،
14 މެއި 2026 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026
ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރައްވައި، 19 މެއި 2026
ގައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

މިކަމާ ގުޅިގެން
މަޖިލީހުގައި ވާހަކަދައްކަވަމުން މުޙައްމަދު އިބްރާހިމް ވިދާޅުވީ، މި ބިލަކީ 21 އޮކްޓޯބަރު
2025 ގައި އިޖުތިމާއީ ކޮމިޓީއަށް ފޮނުވައިގެން ގާތްގަނޑަކަށް ހަތް މަސް ދުވަސް
ކޮމިޓީ މަރުޙަލާގައިވެސް ހޭދަވި ބިލެއް ކަމަށެވެ. ނަމަވެސް، މިހާ ގިނަ ދުވަސްވީއިރު
މި ބިލު ފުރިހަމަ ނުވެ އޮތުމުން މެމްބަރު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން،
މިއީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއްކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ،
ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމުގެ ފުރުސަތު އޮތް އިރު، މިހާ މުހިއްމު
މަސައްކަތެއް މިހާ ބޮޑަށް ލަސްވެގެން ދިއުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް
ނޫން ކަމަށެވެ.

މެންބަރު
ފާހަގަކުރެއްވި ގޮތުގައި މިވަގުތުވެސް ރާއްޖޭގައި 300 އަށްވުރެ ގިނަ މީހުން ކިޑްނީ
ޑައިލިސިސް ހަދަމުން އެބަދެއެވެ. އަދި މިފަދަ ގާނޫނެއް ނެތުމުގެ ސަބަބުން އެކަށީގެންވާ
ފަރުވާ ނުލިބިފައި ތިބި އެތައް ބަޔަކު ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ނާޒުކު
ހާލަތެއްގައި ރައްޔިތުން ތިއްބާ ބިލުގެ މަސައްކަތް ލަސްވެގެން ދިއުމަކީ ރައްޔިތުންނަށް
ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ
އަމަލުތަކަށް ފާޑުވިދާޅުވަމުން މުޙައްމަދު އިބްރާހިމް ވިދާޅުވީ، ސަރުކާރުގެ މަންޒަރާއި
އަޑު ދިމާނުވާ ކަމަށް ބުނަނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށެވެ. ސަރުކާރުން އަބަދުވެސް
ރައްޔިތުންގެ ވިންދު އެނގޭ ކަމަށް ބުނި ނަމަވެސް، އަމަލީ ގޮތުން ފެންނަނީ އެ މަންޒަރު
ނޫން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި
މިފަދަ މުހިއްމު ކަމެއްގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ
މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު
ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، މިބިލުގައި ހުރި
ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައެވެ.
އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް
ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ
ނިންމަވާފައެވެ.