މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

މި މުޒާހަރާއާ ގުޅިގެން ޒަހިއްޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ. މި މައްސަލައިގައި ޒަހިއްޔާ ހިމެނޭހެން ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ދައުވާއާ ގުޅިގެން ޒަހިއްޔާ ވިދާޅުވީ، ރައްޔިތުންގެ ތާއީދު ގެއްލިފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ބިރަކަށް އޭނާ ބޯގުދު ނުކުރައްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި އެ މުޒާހަރާގައި ވަނީ އާޓިފިޝަލް ބީޗުން ފެށިގެން މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ބާރާއި ހަތިޔާރު ބޭނުންކޮށްގެން އެ މުޒާހަރާއަށް ހުރަސްއަޅާފަ އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ޒަހިއްޔާގެ މައްޗަށް ކުރާ ޝަރީއަތް ތާވަލުކޮށްފައިވާ މި ދަނޑިވަޅަކީ، ރައީސް މުއިއްޒުގެ ސަރުކާރުން ހަމައެއް ލަމައެއް ނެތި ގައުމަށް ނިކަމެތިކަން ލިބޭ ގޮތަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީން ނިންމާފައިވާ ވަގުތެކެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ނިންމީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރެއް، ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ފާސްވުމާ ގުޅިގެންނެވެ.