މާލޭގެ ސްކޫލެއްގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާއިން ވަކިވެގެން ދިޔަ ފަހުން، އޭނާގެ ނަމުގައި ފަސް އަހަރު ވަންދެން މުސާރަ ނަގައި 1.5 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ސްކޫލުގެ އިސް މަގާމުތަކުގައި ތިބި ތިން މުވައްޒަފަކަށެވެ.
އޭސީސީން ބުނީ މާލޭގެ ސްކޫލެއްގައި ހިނގާފައިވާ މި ޚިޔާނާތުގެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިއީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، މިކަމާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެ ސްކޫލުގެ ތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމާފަ އެވެ. ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި، ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ. މި ތިން މުވައްޒަފުން ގުޅިގެން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ވަކިވެފައިވާ ބިދޭސީ މުވައްޒަފެއްގެ ނަމުގައި މުސާރަ ޝީޓް ތައްޔާރުކޮށްގެން ފައިސާ ނަގާފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އެ ބިދޭސީ މުވައްޒަފު ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ ނަމުގައި މުސާރަ ނަގަމުން ގޮސްފައިވެ އެވެ. މިގޮތަށް ނަގާ ފައިސާ ޖަމާކުރަމުން ގޮސްފައިވަނީ ބަޖެޓް އޮފިސަރާ އާއިލީ ގުޅުން އޮންނަ އެކި މީހުންގެ ބޭންކް އެކައުންޓުތަކަށެވެ. މިގޮތަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 1.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
މި ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވެފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކުގެ އިދާރީ ކަންކަން އޮޑިޓް ކުރަމުންދަނިކޮށެވެ. މި މައްސަލައިގައި ސްކޫލުގެ 43 މުވައްޒަފެއްގެ ބައިވެރިވުން އޮތް ކަމަށް ބައެއް މަސްދަރުތަކުން ބުނި ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް މިކަމާ ގުޅޭ ރަސްމީ އެއްވެސް ތަފްސީލެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.