މުދާވެރިކަމުގައި
ދީލަތިވެވެނީ ފޯރުންތެރީންނަށް ކަމުގައި ވީ ނަމަވެސް، ލޭ ހަދިޔާކުރުމުގައި
ދީލަތިވުމަކީ ހަމަ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް ކަމަށާއި، ލޭ
ހަދިޔާކުރެއްވެން އޮތް ކޮންމެ ބޭފުޅަކުވެސް ލޭ ހަދިޔާކުރައްވައި، އެ ފުރުޞަތުގެ
ދަރުމަ ހޯއްދަވައި، އިންސާނިއްޔަތަށް އެ ޚިދުމަތް ދެއްވުމަށް،
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ
މިފަދައިން ގޮވާލެއްވީ، ދުނިޔޭގެ ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދުވަސް
ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހުގެރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި،
ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ
މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ހަފްލާގައި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ލޭ
ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާކަން
ފާހަގަކުރައްވައި، ލޭ ހަދިޔާކުރައްވާ ބޭފުޅުންނަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން
ޚާއްޞަ ޝަރަފުވެރި ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި ލޭ ހަދިޔާ ކުރައްވާ
ބޭފުޅުންގެ ޝަރަފުގައި ޚާއްޞަ ދުވަހެއް ފާހަގަކުރެވޭ އެންމެ ޚާއްޞަ އެއް ސަބަބަކީ
އެ މަތިވެރި އިންސާނީ ޞަދަޤާތަށް ހިތްވަރުދީ، އަނެކާގެ ފުރާނަ
ސަލާމަތްކުރުމަށްޓަކައި ޖާނުން ހޭދަވުމުގެ އިންސާނީ މަތިވެރި އަޚްލާޤު އާލާކޮށް،
އިންސާނީ މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަމުގައި ފާހަގަކުރައްވާ،
މި އަގުހުރި ޚިދުމަތުގައި ދެމިތިއްބެވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
އަދި ލޭ
ހަދިޔާކުރުމަށް ބިރުގަނެ، ފަސްޖެހޭ ފަރާތްތަކަށްވެސް އެކަމަނާ ވަނީ،
އިންސާނިއްޔަތުކަމުގެ މި އަގުހުރި ޚިދުމަތުގެ ދަރުމަ ލިބިގަތުމަށް
ހިތްވަރުދެއްވާފައެވެ.
މި ހަފްލާގައި،
ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ ފަރާތްތަކާއި އަލަށް ލޭ ހަދިޔާ
ކުރައްވަން ފެއްޓެވި އުމުރުން 18 އަހަރު ވީ ފަރާތްތަކާއި، ފާއިތުވި އަހަރު އެންމެ
ގިނައިން ބްލަޑް ޑޮނޭޝަން ކޭމްޕް ބާއްވައި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކުން އެންމެ
ގިނައިން ލޭހަދިޔާ ކުރެއްވި ފަރާތަށް، ހަނދާނީ ލިޔުން އަދި ހަނދާނީ ފިލާ
ހަވާލުކުރެއްވުން އޮތެވެ. އަދި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރައްވަމުން ގެންދަވާ
ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ގޯލްޑް އެވޯޑް މިރޭގެ ޙަފުލާގައި
ހަވާލުކުރައްވާފައިވެއެވެ.
ހަމަމިއާއެކު،
މިހާތަނަށް އެންމެ ގިނައިން ލޭހަދިޔާ ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަން
ކުރުމުގެ ގޮތުން، ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް ހަވާލުކުރެއްވުން ވެސް
އޮތެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ
އަނބިކަނބަލުންނެވެ.
ލޭ
ހަދިޔާކުރުންތެރީންގެ ޝަރަފުގައި، ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ
ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ
އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި އޮތް
ހަފްލާގައި، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތެރީންނާއި، ލޭ
ހަދިޔާކުރައްވާ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.