ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫންކަމަށް މާލެ ސިޓީ
ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ
"ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤާލިބް ވަނީ ސަރުކާރުގެ
ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޤާލިބް ވިދާޅުވީ، ފާއިތުވި އިންތިޚާބުތަކާ ދިމާކޮށް ރަށްރަށުގައި ވަރަށް
ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ސަރުކާރުގެ
އިސްވެރިންނާ ގާތް ގުޅުން އޮންނަ ކުންފުނިތަކަށް ދީފައިވާ މަސައްކަތްތަކެއް ކަމަށެވެ.
ޤާލިބް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ދޭންޖެހޭ
ފައިސާ ނުދިނުމުގެ ސަބަބުން މިހާރުވެސް ރަށްރަށުގެ ވަރަށް ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައެވެ.
މީގެ އިތުރުން،
ސަރުކާރުން ކަންކަން ކުރަން އުޅެނީ ތަހައްމަލު ނުކުރެވޭ ވަރުން ކަމަށާއި، އޭގެ ނަތީޖާއެއްގެ
ގޮތުން ކަންކަން ކުރެވެމުންދަނީ ވަރަށް ފަރުވާކުޑަކޮށް، ހަމައެކަނި ނަމަކަށް ކަމަށް
އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ލޯބި ހޯދުމަކީ ބިން ހިއްކާ ސާމާނު ރަށްރަށަށް
އަރުވައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޤާލިބް ވިދާޅުވިއެވެ.
މީގެ އިތުރުން،
ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް ޒިންމާއެއް
ކަމަށާއި، ނަމަވެސް މި ސަރުކާރުން ފެންނަނީ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި
ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރާ މަންޒަރު ކަމަށް އޭނާ ތުހުމަތު
ކުރެއްވިއެވެ. މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތައް ބަނގުރޫޓުވެގެން ދާއިރުވެސް، ސަރުކާރުން
އެކަމާ އަޅާނުލާ ތިބެނީ ހިނިއައިސްފައި ކަމަށް ޤާލިބް ވިދާޅުވިއެވެ.
ރައްޔިތުންގެ ލޯބި ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެންނެއް ނޫން. ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް އޮތްނަމަ އެ ޚިދުމަތެއް ދިނުމަކީ އެ އިރަކު އޮންނަ ސަރުކާރެއްގެ ޒިންމާއެއް، އޭގެ ބަދަލުގައި އޮޅުވާލައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން އިންތިޚާބު ކާމިޔާބު ކުރަން އެތަނަށް ހައިމާކާއި މެޝިނަރީޒް އަރުވައިގެން އެ ކުންފުންޏެއް ބަނގުރޫޓުވެގެން ދާއިރުވެސް ސަރުކާރުން މި ތިބެނީ ހަމަ ހިނިއައިސްފައި.މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް
ރާއްޖޭގެ
އެކި ރަށްރަށުގައި ތިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން މިހާރު ތިބީ ވަރަށް
ދަތި ހާލަތެއްގައި ކަމަށާއި، ވިޔަފާރިވެރިން ތިބީ ނޭވާ ހޮޅީގައި ކަމުގެ މައުލޫމާތު
ލިބެމުންދާ ކަމަށްވެސް ޤާލިބް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން
ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުންދާއިރު، ސަރުކާރުން ރައްޔިތުންނަށް
ކަންކަން އޮޅުވާލުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޤާލިބް
އިތުރަށް ވިދާޅުވީ، ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް ސަރުކާރަށް ވަރިހަމަ ކަމަށެވެ.
ސަރުކާރަށް މިއަދު ހަމައެކަނި މުހިއްމުވަނީ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި
ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު
ސުވާލު އުފައްދަވާފައެވެ.