މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި އަލަށް ބަހައްޓާ ބެގެޖް ސްކްރީނިންގ މެޝިން ބޭނުން ކުރަން ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އޮނަރަބަލް ޢަލީ އިޙްސާންއެވެ.
ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހަދިޔާކޮށްދެއްވި ބެގެޖް ސްކްރީނިންގ މެޝިނަކީ، ޖަލުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓުނު މެޝިނެކެވެ. އަދި މިއީ މާފުށި ޖަލުގައި ބެހެއްޓުނު މިފަދަ ފުރަތަމަ މެޝިނެވެ.
މި މެޝިން ބޭނުންކުރާގޮތުގެ ތަމްރީން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ފޯރުކޮށްދެއްވާފައިވީއިރު، ބެގެޖް ސްކްރީންކުރުމަށް ބޭނުންވާ ޚާއްސަ ތަމްރީން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ ފޯރުކޮށްދެއްވާފައެވެ.
މީގެ އިތުރުން، މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެއްޗާއި، އެފަރާތްތަކަށް ޢާއިލާއިން ފޮނުވާ ތަކެތި އަދި ޢާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތިވެސް ސްކްރީން ކުރެވިގެންދާނެކަން ކަރެކްޝަންސްއިން ވަނީ ފާހަގަކޮށްފައެވެ.