އެމެރިކާގެ ކެލިފޯނިއާގެ ދެކުނުގައި އޮންނަ އެޑްވާޑްސް އެއާފޯސް ބޭސް އިން ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ވައިގެ ސިފައިންގެ ބީ-52 ސްޓްރެޓޯފޯޓްރެސް މަރުކާގެ ބޮން އަޅާ ބޯޓެއް ވެއްޓިއްޖެ ކަމަށް އެ ބޭސް އިން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 11:20 (ޖީއެމްޓީން 19:20) ގައެވެ. ބޯޓު ވެއްޓުމާ ގުޅިގެން އެތައް މޭލަކަށް ފެންނަ ވަރަށް ކަޅު ދުންގަނޑެއް މައްޗަށް އަރާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމެއް އެއާފޯސް ބޭސް އިން ހާމަކޮށްފައެއް ނުވެއެވެ.

އެޑްވާޑްސް އެއާފޯސް ބޭސް އިން ބުނީ، ހާދިސާ ހިނގި ސަރަހައްދުގައި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން މަސައްކަތް ފަށާފައިވާ ކަމަށާއި، މިކަމާ ގުޅޭ އިތުރު ތަފްސީލު ލިބެމުންދާ ވަރަކަށް ހާމަކުރަމުންދާނެ ކަމަށެވެ.

ބޮއިންގް ކުންފުނިން އުފައްދާފައިވާ ބީ-52 ސްޓްރެޓޯފޯޓްރެސް މަރުކާގެ ބޯޓުތަކަކީ 1950 ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ ބޯޓުތަކެކެވެ. މި ބޯޓަށް ކުރުކޮށް "ދަ ބަފް" (ބިގް އަގްލީ ފެޓް) ގެ ނަމުން ނިސްބަތްކުރެއެވެ.

ވައިގެ މަގުން ނަގާފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި، ބޯޓު ވެއްޓުނު ސަރަހައްދު އޮތީ އަނދައި ކަޅުވެ، ދުން އަރާ ހާލަތެއްގައެވެ.

ބީ-52 އަކީ ދުރު ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ސްޓްރެޓީޖިކް ބޮން އަޅާ ބޯޓެކެވެ. މި ބޯޓުތަކަކީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނަށް ބޮން އެޅުމަށް ބޭނުންކުރަމުންދާ ބޯޓުތަކެކެވެ.

އާންމު ފަސިންޖަރުން އުފުލާ ބޯޓުތައް 35،000 ފޫޓު އުސްމިނުގައި ދަތުރުކުރާއިރު، މި ބޯޓަށް 50،000 ފޫޓު އުސްމިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވެއެވެ. ބިޔަ ބޮޑު މި ބޯޓަށް 70،000 ޕައުންޑުގެ ހަތިޔާރު އުފުލޭއިރު، އޭގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ އެތައް ސަތޭކަ ބޮމަކާއި، ނިއުކްލިއާ ވޯހެޑް ހަރުކޮށްފައިވާ 32 ކްރޫޒް މިސައިލް ހިމެނެއެވެ.

މި ބޯޓަށް ވައިގެ ތެރޭގައި އޮވެގެން ތެޔޮ އެޅޭތީ، މެދުކެނޑުމެއް ނެތް ރާސްތާއެއްގައި ހަމަލާދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ. މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއަށް "ނިއުކްލިއާ އަމްބްރެއްލާ" ނުވަތަ ނިއުކްލިއާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރި މުހިންމު ވަސީލަތެކެވެ.

މި ބޯޓުތަކުގައި އާންމުކޮށް ފަސް ފަޅުވެރިން ތިބެއެވެ. އެއީ އެއާކްރާފްޓް ކޮމާންޑަރަކާއި، ޕައިލެޓަކާއި، ރާޑާ ނެވިގޭޓަރަކާއި، ނެވިގޭޓަރެއްގެ އިތުރުން އިލެކްޓްރޯނިކް ވޯފެއާ އޮފިސަރެކެވެ.