ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލައިގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މިނިސްޓަރު ޒަރީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތް ޒަރީރު، މަޖިލީހުގެ މެންބަރެއްގެ ސުވާލަށް ޖަވާބުދާރީވެވަޑައިގަތުމަށް ހާޒިރުކުރަން ހުށަހެޅި ފުރަތަމަ ފަހަރެވެ.

މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުގައި ވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި، ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކިކުރުމުގައި އޭނާގެ ސިޔާސީ ފިކުރަށް ބަލައި ތަފާތުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރަމުންދަނީ ކޮން އުސޫލަކުން އަދި ކީއްވެގެންތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނާއި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި ގޮތުގައި، އޭނާގެ ކެމްޕޭނުގައި އުޅުނު 10 މީހަކު މިހާތަނަށް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔަ މިފްކޯގެ ހަތް މުވައްޒަފަކު ވަޒީފާ އިން އެކެހެރިކޮށްފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. 

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ސަބަބުތަކަށްޓަކައި ބިރުދައްކައި ވަޒީފާއިން ވަކިކުރާ މައްސަލައަކީ އެމްޑީޕީން ނުހަނު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. މި މައްސަލަ ވެސް ހިމެނޭ ގޮތަށް، ސަރުކާރުން ހިންގާ ގާނޫނާ ހިލާފުކަންކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ހޯމަ ދުވަހުގެ ރޭ ވަނީ ފާސްކޮށްފަ އެވެ.