ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ އާއިލީ ބޯހިޔާވެހިކަން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި ހޯމަ ދުވަހުގެ ރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފި އެވެ.

މި ނިންމުން ނިންމީ ބޯހިޔަވަހިކަން ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ހޯމަ ދުވަހުގެ ރޭގެ މެންދަމު 12:00 އަށް ފްލެޓާއި ގޯއްޗަށް އެދުމުގެ ސުންގަޑި ހަމަވާގޮތަށް އޮތްއިރު، ރޭގަނޑު 10:30 ހާއިރު ޓެކްނިކަލް މައްސަލައެއް ދިމާވެ ޕޯޓަލް ވަނީ ޑައުންވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެމައްސަލަ ގަޑީރެއްހާއިރު ފަހުން ހައްލުކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ޕޯޓަލް ޑައުންވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސުންގަޑި އިތުރުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ މި ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި މާޗު 4 ގެ 23:59 ކަނޑައަޅާފައި އޮތްއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނެ ކަމަށް އޮތީ އެޕްރީލް 17 ގެ 23:59 ގެ ނިޔަލަށެވެ.

އޭގެ ފަހުން އެޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ފަހު މެއި މަހުގެ ނިޔަލަށް ވެސް ސުންގަޑި ދަންމާލި އެވެ. އޭގެ ފަހުން ހޯމަ ދުވަހުގެ ރޭގެ 12:00 އަށް ސުންގަޑި ހަމަވާ ގޮތަށް މުއްދަތު އިތުރުކުރީ މެއި 23 ގަ އެވެ.