ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް އައްޔަނު ކުރެއްވި ހަސަން ޒަރީރަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ. 

ޖޫން މަހުގެ 8 ވަނަ ދުވަހު އެ މަގާމަށް ޒަރީރު އައްޔަނު ކުރައްވާފައިވާއިރު ފިނޭންސް މިިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި  މޫސާ ޒަމީރު ހޯމަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންގެންނެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޒަމީރުގެ އިސްތިއުފާގެ ސިޓީގައި އިސްތިއުފާ ދެއްވާ ސަބަބެއްގެ ގޮތުގައި އޮތީ ޞިއްޙީ ހާލުކޮޅު ހުރިގޮތުން ކަމަށެވެ. އެގޮތުން ޞިއްޙީ ސަބަބަކާހެދި "ހޮސްޕިޓަލައިޒްވާން" ޖެހިފައިވާ ކަމަށާއި، ދާދި ފަހުންވެސް އެޑްމިޓްކޮށްގެން ފަރުވާ ހޯދަން ޖެހިފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ކުރައްވާފަ އެވެ.

އެހެންކަމުން ވަޒީރުކަމުގެ ޒިންމާއަކީ ބުރަ ބޮޑު ޒިންމާއެއްކަމަށްވަތީ، ސިއްޙީ ޙާލަތު ތަން ނުދޭކަމަށް ޒަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފިނޭންސް މިނިސްޓަރަކަށް އައްޔަނު ކުރައްވާފައިވާ ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވާފައިވާއިރު އެ މަގާމާ ހަވާލުވުމާއި ހަމައަށް އޭނާ ހުންނެވީ ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީރާގެ އިސްވެރިޔާގެ ގޮތުގަ އެވެ. ޒަރީރަކީ ކޮލިފައިޑް ޗާރޓަރ އެކައުންޓެންޓަކަށް ވުމުގެ އިތުރުން އެކައުންޓިންގް އަދި ފައިނޭންސްގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރައްވާފައިވެ އެވެ.