ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ އެމަނިކުފާނު ނިސްބަތްވާ ޕާޓީ، ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ މިސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަން އިތުރު ކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރާއިރު، އޮންނަ ޓެންޑަރ ބޯޑު ވެސް މިސަރުކާރުން އުވާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
މިއަދު ތަރައްގީގެ މަޝްރޫއެއް ވެސް ލިބޭނީ ރައީސް މުއިއްޒު ރުއްސަވާ މީހަކަށްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ގާނޫނު އަސާސީ ބޮލާލާ ޖަހައި، ވެރިކަން ކުރުމުގެ ހުރިހާ އުސޫލުތަކެއް މޮޑެލައި، ނާތަހުޒީބު މުޑުދާރު ވެރިކަމެއް ކުރަމުންދާ ކަަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު، ރައީސް މުއިއްޒު އަޒުލު ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
އެވަރު ވާއިރު ރައްޔިތުންގެ މަޖިލިސް މެންބަރުން އެތިބެނީ އަޅާނުލާ. އެވަރުވާއިރުގައި ކޯޓުތަކުގެ ފަނޑިޔާރުން އެތިބެނީ އަޅާނުލާ އިނގޭތޯ. އެއީ ގާނޫނު އަސާސީގައި ވަކި ގޮތަކަށް އެކުލަވާލެވިފައި ރައީސްގެ ބާރާއި، ރައްޔިތުންގެ ބާރާއި މުއައްސަސާތަކުގެ ބާރުތަކެއް އެހުރީ ރުކުރުވާލެވިފައި ވަކި ހަމަތަކެއްގެ މަތީން. ވަކި ކަންތައްތަކެއް ތަންފީޒުކޮށް ވަކި ބަޔަކަށް ފާރަވެރިވާން. މިހުރިހާ ކަމެއް ބޮލާލައި ޖަހައި ހުރިހާ ބާރެއް އަތަށް ކަހާލައިގެން މިއުޅެނީ ތެދެއްތޯ. އެހެންވީމަ ދެރަވަރޭ. އެހެންވީމަ އަޅުގަނޑު ހަމަ ރައްޔިތުންނަށް ދަންނަވާލަން އޮތީ މިހާރު މިއޮތްވަރުން އެނގޭތޯ ހަމަ މީނަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން ނޫނީ މީނަ އަޒުލް ކުރުން. އަޒުލް ކުރުން ނޫން ގޮތެއް ނެތޭ އިނގޭތޯ. މީނަ ހުންނަވައިގެން ރައްޔިތުންނަށް އެންމެ ކަމެއް ފައިދާވާނެ ތަނެއް ނުފެނޭ. އެކަމަކު މުޅި ނިޒާމު ކިލަނބުކޮށްލައިފި. މުޅި ނިޒާމު ގަނޑުބަޑު ކޮށްލައިފި އެނގޭތޯ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ ވެރީންނަކީ އާރާއިބާރު ލިބުމުން އަނިޔާވެރިވާ ބައެއް ކަމަށާއި، އެއީ އިންސާނީ ތޮބީއަތް ކަމަށެވެ.
އެހެންކަމުން ރައީސް މުއިއްޒު ވެސް ހުދުމުހުތާރުވެ، އަނިޔާވެރިކަން އިސްކުރަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަތީޖާއެއް ގޮތުން މިއަދު ގައުމު ފަހަތަށް ޖެހި، ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަން އަޒުލް ކުރުމަށް ޔާމީން ގޮވާލެއްވިއިރު، އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ލީޑަރަކީ ޔާމީން އެވެ.