ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފް އުމަރު އަދު ތޯރިގު ސަފީރު ކަމަށް އައްޔަނު ކުރުމަށް ރުހުން ހޯދުމަށް ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ.
އެގޮތުން ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އާދަމް ޝަރީފް އައްޔަނު ކުރުމަށް ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު 9 މެންބަރުން ވަނީ އޭނާ އެ މަގާމަށް އައްޔަނު ކުރަން ނުފެންނަ ކަމަށް ބުނެފަ އެވެ.
އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތޯރިގު އައްޔަން ކުރުމަށް ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު އޭނާ އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.
މި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިންނެވެ. ކޮމިޓީގެ އިއްތިފާގުން ވަނީ ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ނިންމާފަ އެވެ.
ތޯރިގާއި އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ އެވެ. އޭގެފަހުން މި ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފަ އެވެ.
އެ ބޭފުޅުން އައްޔަން ކުރެއްވި ސީދާ ތާރީޚެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ދެ ބޭފުޅުން ވެސް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.