އަންނަ ދިރާސީ އައު އަހަރުގައި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ ކަމަށް ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި އޮތީ ދެ ސިޔާސަތެއްކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް އިދިކޮޅު އެމްޑީޕީއަށް ފާޑު ވިދާޅުވެފަ އެވެ.

އެގޮތުން އެމްޑީޕީގެ ފަނާކުރަނިވި ސިޔާސަތާއެކު، އަރަބި އިސްލާމީ ތައުލީމު ނައްތާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި އަރަބިއްޔާ ސްކޫލަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން އެ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރީން ރެފިއުޖީންނަށް ހަދާފައިވާ ކަމަށެވެ.

ނަމަވެސް ޕީއެންސީގެ ބިނާކުރަނިވި ސިޔާސަތާއެކު އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި އަންނަ އަހަރުގެ ދިރާސީ އައު އަހަރު ކިޔަވައިދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މިދެންނެވި ފަނާކުރަނިވި ފިކުރުން ކަންކުރި ގޮތެއް ނޫންތޯ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެ ވަނަ ސަރުކާރާއެކު އަރަބި އިސްލާމީ ތައުލީމު ނައްތާލުން. އަރަބިއްޔާ ސްކޫލު ތަޅާލައި މަގުމަތި ކުރިއެއްނުންތޯ. ރެފިއުޖީންނަށް ހެދީ އަރަބިއްޔާ ސްކޫލުގެ ކުދިންނާއި، ބެލެނިވެރީން. އެހެން ނަމަވެސް މި ބިނާކުރަނިވި ފިކުރުން މިހާރު އެ ވަނީ އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ ސްކޫލެއް އަޅައިދެމުން އެ ދަނީ. އިރާދަކުރެއްވިއްޔާ މިއަންނަ ދިރާސީ އަހަރު އެ ސްކޫލު ހުޅުވައި ކިޔަވަން ފަށާނެ. އެއީ ބިނާ ކުރަނިފިކުރާއި، ފަނާކުރަނިވި ފިކުރުގެ ހުރި ތަފާތަކީ. 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އަރަބިއްޔާގެ އާ އިމާރާތް ހަދަން 29 ސެޕްޓެމްބަރު 2022 ގައި އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލުކުރި އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 168.5 މިލިއަން ރުފިޔާއަށެވެ. އަދި މިސަރުކާރުން އަރަބިއްޔާ އިމާރާތް އަޅާ ބިން ކުރީގެ ކުނިކޮށި ހުރި ބިމަށް ބަދަލުކޮށް، 24 ފެބްރުއަރީ 2024 ގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިނިސްޓަރު ޝަފީއު ފައްޓަވާ ދެއްވި އެވެ.

ނަމަވެސް އަމީން ކޮންސްޓްރަކްޝަންއިން އަގު ދަށްކުރަން އެއްބަސް ނުވުމުން ސެޕްޓެމްބަރު މަހުގެ ތެރޭގސއި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. އަދި 17 ނޮވެންބަރު 2024 ގައި އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، 10  ބުރީގެ އިމާރާތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އާރްސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 152،945،200.65ރ އަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.