ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސޯދިގު މަގާމުގެ ހުވާ ކުރައްވާފައި ވާއިރު، އެ ރަސްމިއްޔާތަށް ފަހު މެންބަރު ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން އިއުލާނު ކުރައްވާ މެންބަރަށް މަރުހަބާ ދަންނަވާފަ އެވެ. މިއާއެކު މަޖިލީހުގައި މިހާރު ތިއްބަވާ އެމްޑީޕީ ގެ މެންބަރުންގެ އަދަދު ވަނީ 13 މެންބަރުންނަށް އިތުރުވެފަ އެވެ.
މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާފައި ވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ. އިންތިޚާބުގައި ސޯދިގު އަށް 1،375 ވޯޓު ލިބިވަޑައިގެންނެވި އިރު އަހުމަދު ސައީދު އަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ސިނާނުގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާނުގެ ގޮނޑި ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 5 މިލިއަން ރުފިޔާގެ ލޯނަކަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެވެ.