ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އަންނަ މަހުގެ 1 ވަނަ ދުވަހު ހުކުމް ކުރަން ތާވަލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ތާވަލުން އެނގޭ ގޮތުގައި، ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ މި މައްސަލައިގެ ހުކުމް ކުރުން އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 09:00 ގަ އެވެ.

މި މައްސަލައަކީ ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން 25 ޑިސެންބަރު 2022 ގައި ކުރި ހުކުމާ ގުޅޭ މައްސަލައެކެވެ. އެ ފަހަރު ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިންގގެ ކުށުގެ 7 އަހަރުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ހިމެނޭއިރު، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި 4 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ނަމަވެސް، މި ހުކުމްތައް ހައިކޯޓުން ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަމުރުކުރީ 18 އޭޕްރީލް 2024 ގަ އެވެ.

ހައިކޯޓުން މައްސަލަ އަލުން ބަލަން އެންގިއިރު، ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ހައިކޯޓުގެ އެ ނިންމުމެވެ. މި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންނަކީ ހުޒައިފާ މުހައްމަދާއި، ހަސަން ޝަފީއު އަދި މުހައްމަދު ސަލީމެވެ. މީގެ ތެރެއިން ފަނޑިޔާރު ސަލީމަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

މި މައްސަލައިގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ބައިގެ ހުކުމް ކުރުން ވެސް އަންނަ މަހުގެ އެއްވަނަ ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ. އާރަށު މައްސަލައިގައި ޔޫސުފް ނައީމަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާގެ ޙުކުމެވެ. އެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް، ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބަލަން އަންގާފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް މި ފަހުން ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ކުރިން ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސުލޫކީ މައްސަލައެއްގައި މަގާމުން ވަކިކުރުމާ ގުޅިގެން، މިހާރު ބެންޗުގައި އިންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ދެން މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. އަންނަ މަހު ކުރާ ހުކުމާއެކު، އާރަށު މައްސަލައިގެ ޝަރީއަތް އަލުން ކުރިއަށްދާއިރު އާ ހެކިތައް ބޭނުންކުރެވޭނެތޯ ނުވަތަ ނޫންތޯ ކަށަވަރުވެގެންދާނެ އެވެ.