ގދ. އަތޮޅު ކައުންސިލުން 2025 ވަނަ އަހަރު ތައިލެންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރަކަށް 723،936 ރުފިޔާ ޚަރަދު ކޮށްފައިވާއިރު މި ޚަރަދަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތަކަށް އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ޚަރަދެއް ކަމުގައި ބެލެން ނެތް ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން ނެރެފައިވާއިރު ގދ. އަތޮޅު ކައުންސިލް އިދާރާގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ބުނީ ސިޓީތަކާ އިދާރީ ހިންގުމާ އާންމު މަސައްކަތާ ބެހޭ ވުޒާރާ އިން ނެރެފައިވާ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ނިންމެވި ކަންކަން ތަންފީޒު ކުރުމާ ބެހޭ ސަރކިއުލާ ގައި ކައުންސިލްތަކުގެ ރިކަރަންޓް ޚަރަދު ކުޑަ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށާއި އަދި އެ ވަގުރު ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ނޫނީ ނުކުރުމަށާ ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.

އެ ރިޕޯޓުގައި ބުނީ ކައުންސިލްގެ 4 ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 4 ވަނަ އާންމު ބައްދަލުވުމުގައި ތައިލެންޑްގެ ހުއަ-ނިން އަށް "ފީލްޑް އެކްސްޕަޓައިޒް ޓުއަރ" ގެ ނަމުގައި ދަތުރެއް ކުރުމަށް ނިންމައި މި ދަތުރު ކުރުމާއި ގުޅޭ މައުލޫމާތު ހިމެނުމަށްފަހު 9 މާޗު 2025 ގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އަށް ސިޓީ އެއް ފޮނުވާފައި ވާ ކަމަށެވެ. 

ނަމަވެސް މި ސިޓީ އާއި ގުޅޭ އެއްވެސް ޖަވާބެއް ކައުންސިލްގެ އިދާރާ އަށް ލިބިފައި ނުވާއިރު ދަތުރުގެ ޚަރަދުތައް ކުރުމުގައި އެ ވުޒާރާ އިން ނެރެފައިވާ ސަރކިއުލާ އާ އެއްގޮތަށް އަމަލު ކޮށްފައި ނުވާކަން ފާހަގަ ކޮށްފައި ވެ އެވެ. 

މިގޮތުން 9 އޭޕްރީލް 2025 އިން 21 އޭޕްރީލް 2025 އަށް ތައިލެންޑަށް އަތޮޅު ކައުންސިލްގެ އިދާރާ ތަމްސީލު ކުރާ 9 މެންބަރުންނާ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 10 ބޭފުޅުން 13 ދުވަހުގެ ތަޖުރިބާ ދަތުރެއް ކޮށްފައިވާއިރު މި ދަތުރަށް ހިނގާނޭ ޚަރަދުގެ ފައިސާ ލިބޭނެ އެހެން ގޮތްތަކެއް ( ސްޕޮންސަރ ނުވަތަ ބޭރުގެ އެހީ) ހޯދުމަކާ ނުލައި ކައުންސިލްގެ އިދާރާގެ ބަޖެޓުން 723،936 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ.

މިގޮތަށް ކައުންސިލްގެ އިދާރާގެ ބަޖެޓުން ބޮޑު އަދަދެއް ޚަރަދު ކޮށްފައި ވުމުން ސަރކިއުލާގައި އިރުޝާދުދީފައިވާ ގޮތަށް ޚަރަދުތައް ކުޑަ ކުރަން ކައުންސިލްގެ އިދާރާއިން އަމަލު ކޮށްފައިވާ ނުވާކަން ފާހަގަ ވާ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. 

އޮޑިޓް އޮފީހުން ވަނީ ދަތުރު ރިޕޯޓްގައި ތައިލެންޑުގެ ކަމާބެހޭ އިދާރާތަކާއި ރިސަރޗް އިންސްޓިޓިއުޝަންތަކާއި އަދި ރަސްމީ ގޮތުން ގަބޫލުކުރާ ދަނޑުވެރިކަމުގެ ޖަމިއްޔާތަކާ ބައްދަލު ކޮށްފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ނެތްކަމާއި އެ ގައުމުގެ ދަނޑުވެރިކަމާ ފަތުރުވެރިކަމާ ގުޅުންހުރި އިދާރާތަކާ ބައްދަލު ކޮށްފައިވާ ކަން އެނގެން ނެތްކަން ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ކައުންސިލް އިދާރާ އިން ތައިލެންޑަށް ކޮށްފައިވާ ދަތުރުތަކުގައި ހާސިލުކުރުމަށް ބަޔާން ކޮށްފައިވާ ބައެއް ކަންކަމަކީ 2023 ވަނަ އަހަރު ތައިލެންޑަށް އަދި 2024 ވަނަ އަހަރު ތުރުކީ، ދުބާއީ، އަދި ސްރީ ލަންކާ އަށް ކޮށްފައިވާ ދަތުރުތަކުގައި ވެސް ހާސިލުކުރުމަށް ބަޔާން ކޮށްފައިވާ ކަންކަން ކަމަށް ވެސް ރިޕޯޓުގައި ވެ އެވެ. 

އެހެންކަމުން މިކަންކަން އިސްލާހު ކޮށް އިސްލާހު ކުރަން ލަފާދީފައިވާ ގޮތް ސަރކިއުލާގައި ލަފާދިފައިވާ ގޮތަށް އަމަލު ކުރުމަށް އެ އޮފީހުން ވަނީ ކައުންސިލަށް އިލްތިމާސް ކޮށްފަ އެވެ. އަދި ދައުލަތުން ކުރާ ޚަރަދުތައް ކުޑަ ކުރުމަށްޓަކައި މިފަދަ ދަތުރުތަކަށް ހިނގާނޭ ޚަރަދު އިދާރާގެ ބަޖެޓުން ކުރުމުގެ ބަދަލުގައި ސްޕޮންސަރ އާއި އެހީގެ ގޮތުގައި ފައިސާ ހޯދައިގެން މެނުވީ ދަތުރުތަކަށް މިފަދަ ބޮޑު ޚަރަދެއް ނުކުރުމަށް ވެސް ބުނެފައިވެ އެވެ.