އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް، އިތުރު ލިޔުމަކާ ނުލައި ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ، ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ނުހިމަނައި އެޕްލިކޭޝަން މިހާރު ހުށަހެޅޭނެ ކަމަށެވެ. 

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ހިމެނޭ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 1 އޭޕްރީލް 2026 ގަ އެވެ.

ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައިވާއިރު،  ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއި، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށް ފޯމް ހުށަހެޅޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން އެންމެންނަށް ބޯހިޔާވަހިކަންގެ ދަށުން ގޯއްޗަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ 5 މާޗް 2026 ވަނަ ދުވަހުގެ ރޭ 11:59ގެ ނިޔަލަށެވެ. އަދި ފުލެޓަށް ކުރިމަތިލާން ހުޅުވައިލީ 18 އޭޕްރީލް 2026 ވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ.

އޭގެފަހުން މުއްދަތު އިތުރުކޮށް، 15 ޖޫން 2026 ވަނަ ދުވަހުގެ ރޭ 11:59 ށް އިތުރު ކުރި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ، ބޯހިޔާވަހިކަމަށް ކުރިމަތިލާން ދިން މުއްދަތު އިތުރު ކުރުމުން ދިޔައީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ދެން ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ދެން އިތުރުނުކުރާނެ ކަމަށެވެ.

އެންމެންނަށް ބޯހިޔާވަހިކަންގެ ސްކީމުގެ ދަށުން  7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.