ކާބޯތަކެތި
ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި، އާ މިންގަނޑުތަކަށް ފައްތަން ވިޔަފާރިވެރިންނަށް ހަ މަސް ދުވަހުގެ މުއްދަތެއް މޯލްޑިވްސް
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފިއެވެ.

އެމްއެފްޑީއޭއިން
ކުރި އިއުލާނެއްގައި ބުނީ،  "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު" އާންމުކޮށް އެ
ޤަވާއިދަށް މިހާރު އަމަލުކުރަން ފަށާފައިވާ ކަމަށާއި، މި އާ ގަވާއިދަށް
އަމަލުކުރަން ފެށުމުގެ ކުރިން ބަންދުކޮށް ލޭބަލްކޮށްފައިވާ ކާބޯތަކެތި، އާ
މިންގަނޑުތަކަށް ފައްތަން ވިޔަފާރިވެރިންނަށް ހަ މަސް ދުވަހުގެ މުއްދަތެއް
ދިނުމަށް ހިމަނާފައިވާ ކަމަށެވެ.

އެހެންކަމުން،
މިހާރު ބާޒާރުގައި ހުރި ތަކެތި މި މުއްދަތުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް
އިސްލާހުކުރުމަށް އެމްއެފްޑީއޭއިން ވަނީ ވިޔަފާރިވެރިންނަށް އަންގާފައެވެ.

 މި ގަވާއިދުގެ ދަށުން، ކާބޯތަކެތީގެ އަސްލު އޮޅޭގޮތަށް
ލޭބަލްކޮށްގެން ރާއްޖެއަށް ތަކެތި އެތެރެކުރުމާއި، އެފަދަ ތަކެތި ބަންދުކޮށް
ގަނެވިއްކުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި
ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި
އިހުމާލުވެގެން މީހެއްގެ ސިއްޙަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ
މީހެއްގެ ފުރާނައަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަމުގެ
ކުޑަބޮޑުމިނަށް ބަލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ
އިތުރުން، އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ކާބޯތަކެތި ވިއްކައިފި ނަމަ 10،000
ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް
ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ކާބޯތަކެތި
ބަންދުކުރަންޖެހޭ މިންގަނޑުތަކަށް ބަލާއިރު، ކޮންމެ އެއްޗެއްވެސް ބަންދުކުރަންވާނީ
"ފުޑް ގްރޭޑަޑް" މެޓީރިއަލްއެއް ބޭނުންކޮށްގެންނެވެ. ވަކިން ހާއްސަކޮށް،
އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަން ތައްޔާރުކޮށްފައި ހުންނަ ޕެޓު ފުޅި ފަދަ
ޕްލާސްޓިކު ފުޅިތަކަށް ކާބޯތަކެތި އަޅައި ބަންދުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ.
މިފަދަ ބަންދުކުރުމުގެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި
100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.