ރައީސް ޑރ. މުހައްމަދު މުއިއްޒު
އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު
އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނު ހެލްތް މިނިސްޓްރީގެ ސްޓޭޓު
މިނިސްޓަރުކަމުގެ މަޤާމަށް އައްޔަނުކޮށްފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސެކެޓަރީ ޖެނެރަލްގެ
މަޤާމުވެސް ފުރުއްވި ޒީނާޒް އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިހިނގާ ޖޫން
މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ މިހާރު މަސައްކަތަށް ނުކުމެވަޑައިގެންފައިވާ
ކަމަށާއި، މަސައްކަތް ކުރައްވާނީ ޖެންޑާއާ ގުޅޭ ކަންކަން ބަލަހައްޓާ ފަޅީގައި
ކަމަށް ހެލްތް މިނިސްޓްރީއާ ސުވާލު ކުރުމުން އެ މިނިސްޓްރީން ވަނީ މީޑިއާތަކަށް
މައުލޫމަތު ދީފައެވެ.

އެހެންނަމަވެސް އޭނާ މަޤާމަށް އައްޔަނު
ކުރެވިގެން ދިޔައިރު ސަރުކާރުން އެކަން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން
އެފަދަ އިސް މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތު ދައުލަތުގެ އެކިއެކި
އިދާރާތަކުން އާންމުކުރަމުން ގޮސްފައިވެއެވެ.

ރައީސް މުއިއްޒު ވަނީ އާދަމް ޝަރީފް،
ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަން ކުރައްވަން ނަން
ފޮނުއްވާފަ އެވެ.  އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ
އެވެ. އޭގެފަހުން އޭނާ ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް
އައްޔަންކުރައްވާފަ އެވެ.

އާދަމް ޝަރީފް އެ މަޤާމަށް އައްޔަން ކުރެއްވި
ސީދާ ތާރީޚެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ފޮރިން
މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ
ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު
ކޮށްދެއްވާފަ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އޭރު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވާއިރު، ބައެއް ވަޒީރުން މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އެހެނިހެން މަޤާމުތަކަށް ވަނީ އައްޔަނު ކުރައްވާފަ އެވެ. 

މި ދަނޑިވަޅަކީ ސަރުކާރުގެ "ސައިޒް" ކުޑަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، ފެންނަމުންދަނީ އައު މަޤާމުތައް އުފައްދައި، އެކި މަޤާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނުކުރަމުންދާތަނެވެ. އަދި އިންތިޚާބާ ދިމާކޮށް ރަށްރަށުން ފެނަކަ ފަދަ ކުންފުނިތަކަށް ނެގި އާންމު ރައްޔިތުން ގެންދަނީ އެކި ސަބަބުތައް ދައްކައި ވަޒީފާއިން ވަކިކުރަމުންނެވެ.