މ.އަތޮޅަކީ މަސްވެރިކަމުގެ އަތޮޅެއް ކަމަށާއި، މިސަރުކާރާއެކު މުޅި އަތޮޅުގެ އިގްތިސާދަށް ލިބުނީ ހީނަރުކަން ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނަމާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މ. އަތޮޅަކީ މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ އަތޮޅެއް ކަމަށާއި، ނަމަވެސް މިސަރުކާރާއެކު ވަރަށް ބޮޑަށް މަސްވެރިކަމުގެ އާއިލާތައް ނިކަމެތިވެފައިވާ ކަމަށެވެ.

މިސަރުކާރާއެކު މަސްވެރިންނަށް ރަނގަޅު ގޮތްތަކެއްވާނެ ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރިކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އުންމީދު ކުރި ގޮތާއި ހިލާފަށް ވަރަށް ބޮޑަށް މަސްވެރިންނަށް ދަތިވެފައިވާ ކަމަށެވެ.

އެގޮތުން ތެޔޮ ލިބުމަށް ދަތިވެ، އިންތިހާއަށް ތެޔޮ އަގުބޮޑުވެފައިވާ ކަމަށާއި، ސަރުޚާރުގެ ފަރާތުން މަސްވެރިންނަށް އެއްވެސް ގޮތަކަށް އެއްބާރުލުމާއި، އެހީތެރިކަމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސްވެރިންނަށް މަހަށް ނުފުރިފައި ތިބެންޖެހޭ ކަމަށާއި، މަހަށް ދިޔަ ނަމަވެސް ދެކޮޅު ނުޖެއްސޭ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ކުރިނާރާ ކަމަށާއި، މުލަކު ދާއިރާގެ ތިން ރަށުގެ އާބާދީއަށް ބަލާއިރު، ގިނަ ރައްޔިތުންނަށް މާލީ ގޮތުން ދަތިވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޚާއްސަކޮށް އަތޮޅުތެރޭގެ އިގްތިސާދަށް ވެސް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށެވެ.

މުލަކު އަތޮޅަކީ މަސްވެރި އާބާދީއެއް އޮންނަ އަތޮޅެއް. އެހެންވީމަ މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު މުލަކު އަތޮޅުގެ މީހުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ހަގީގަތުގައި އޭރުގައި ލިބިގެން ދިޔަ. ވެރިކަމަށް އައުމަށްފަހު ވެސް މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެ ކަަމަށް ވެވަޑައިގެންނެވި ވައުދުގައި ދެމެހެއްޓެވީތީވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ވެސް. ދިއްގަރުގައި ވައުދުވެވަޑައިގެންނެވީ. އެހެންވީމަ މުލަކު އަތޮޅުގެ ގިނަ ރައްޔިތުންތަކަކަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ހަގީގަތުގައި ލިބިގެން ދިޔަ. އެހެންނަމަވެސް މިއަދާ ހަމައަށް އައިރު އެއްވެސް ވައުދެއް އެއްވެސް މިންވަރަކަށް އަމަލުކުރައްވާފައިނުވޭ. އެހެންވީމަ އެކަމުގެ ސަބަބުން ހަގީގަތުގައި މަސްވެރިން ވަނީ ވަރަށް ބޮޑު ނިކަމެތި ކަމަކާ ކުރިމަތިވެފައި.  
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ މިއަދު މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށެވެ. އަދި މިސަރުކާރުން މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް އޭނާ ވިދާޅުވި އެވެ.