ކުއްލި ހާލަތްތަކުގައި
ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް،
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.  

ލޭހަދިޔާ
ކުރުމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ލޭ ހަދިޔާކުރާ
ފަރާތްތަކުން ދައްކުވައިދޭ އޯގާތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ސަބަބުން، ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާ
ހޯދަމުންދާ މީހުންނާއި ކުއްލި ފަރުވާ ބޭނުންވާ ބަލިމީހުންނަށް، އެންމެ ބޭނުންޖެހޭ ވަގުތުގައި
އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާ ކަމަށެވެ.

އަދި ބޭސްވެރިކަމާއި
ޓެކްނޮލޮޖީގެ ދާއިރާއިން އާދަޔާޚިލާފު ކުރިއެރުންތަކެއް މިއަދު ހޯދާފައިވީ ނަމަވެސް،
ލެޔަކީ އަދިވެސް އެހެން އެއްޗަކުން ބަދަލުނުކުރެވޭފަދަ މުހިންމު ވަސީލަތެއްކަން އެމަނިކުފާނު
ފާހަގަކުރެއްވިއެވެ.

އާންމު ސިއްހަތު
ރައްކާތެރިކުރުމަށާއި، ސިއްހީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ އިތުރުން،
ގައުމީ ފެންވަރުގައި ކުރިމަތިވާ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވެފައި އޮތުމަށްޓަކައި،
އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި
ރައީސް ސިފަކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް
ދިވެހިރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެއްގައި، ސިއްހީ
ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ
ވަރަށް ބޮޑު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ
ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ، ލޭ ހަދިޔާކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށާއި،
އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު އާލާކޮށް، އެންމެންގެ ސިއްހަތާއި ދުޅަހެޔޮކަން
ރައްކާތެރިކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމުގެ ސަގާފަތެއް ގާއިމުކުރުމަށް މި ސަރުކާރުން
އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ދުނިޔޭގެ
ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖޫން މަހުގެ 14 ވަނަ
ދުވަހުއެވެ.

ތެލެސީމިއާ
ސެންޓަރުން ތިން ކުއްޖެއްގެ ގަޔަށް ކުނި ލޭ  އެޅި މައްސަލައަކާއި،
ލޭ ނުލިބުމުގެ ސަބަބުން އާންމުން އިހުތިޖާޖުކުރި މައްސަލަތަކެއް
ފެންމަތިވެފައިވާއިރު، ތެލަސީމިއާ ސެންޓަރުގެ ހާލަތު އެނގިވަޑައިނުގަންނަވާކަމަށް
ރައީސް ވަނީ ވިދާޅުވެފައެވެ.