ސަރުކާރުން
ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ
މުއްދަތު އެކި ފަހަރުމަތިން އިތުރުކުރަމުންދާއިރު، ކޮންމެ ފަހަރަކުވެސް އިއުލާނަށް
ގެންނަ ބަދަލުތަކާއެކު ހަރުކަށި ޝަރުތުތަކެއް އިތުރުވަމުންދާ ކަމަށް ފަހި ޔޫނިއަންގެ
ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނޫރައްދީން ވިދާޅުވީ، މި ބަދަލުތަކުގެ
ސަބަބުން އާންމު ރައްޔިތުންނަށް ފްލެޓަށް ކުރިމަތިލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ
ކަމަށެވެ.

ޚާއްސަ އެހީއަށް
ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްފައިވާ ފްލެޓުތަކާ ގުޅޭގޮތުން
ވާހަކަދައްކަވަމުން ނޫރައްދީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ދައްކަވާ ވާހަކަފުޅުތަކާއި އަމަލީ ގޮތުން ކަންކަން ކުރަން އޮތް ގޮތާ ދެމެދު ބޮޑެތި
ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް
ފްލެޓަށް ކުރިމަތި ނުލެވޭ ފަދަ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

 މިކަންކަން މިހެން ހުރުމުން، ބޯހިޔާވަހިކަމުގެ މައްސަލައިގައި
ސަރުކާރުގެ އިހުލާސްތެރިކަމެއް ހުރިކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދުވެސް ނޫރައްދީން ވަނީ ކަންބޮޑުވުން
ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ފަހި ފްލެޓުތަކުގެ ކުލި ކޮންމެ މަހެއްގެ 10 ވަނަ
ދުވަހުގެ ކުރިން ދައްކަންޖެހޭއިރު، އެ މުއްދަތަށް ވުރެ ލަސްވެއްޖެނަމަ 3000 ރުފިޔާގެ
ބޮޑު ޖޫރިމަނާއެއް އަންނަ ކަމަށެވެ.

މިއީ އިންސާފުވެރި
ގޮތެއް ނޫން ކަމަށާއި، ޕްރައިވެޓް ސެކްޓަރުގައި މަސައްކަތްކުރާ ގިނަ މީހުންނަށް މުސާރަ
ލިބެނީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށްވާތީ، އެހެން ސޯޝަލް ހައުސިންގ މަޝްރޫއުތަކެކޭ
އެއްފަދަ ލުއި އުސޫލެއް ފަހި ފްލެޓުތަކަށްވެސް އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 ފަހި ފްލެޓުގެ ކުލި ދައްކަން ޖެހެނީ ކޮންމެ މަހެއްގެ 10 ގެ ކުރިން، އަދި އޭގެ ފަހުން ދައްކައިފިނަމަ 3000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް އާދޭ، އެހެންވީމަ މިއީ އިންސާފެއް ނޫން، އެހެން ސޯޝަލް ހައުސިންގތަކަށް އޮންނަ އުސޫލު ފަހި ފްލެޓުތަކަށްވެސް އަންނަންޖެހޭ، ސަބަބަކީ ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތްތަކަށް މަހުގެ 10 ގެ ފަހުން މުސާރަ ލިބޭ މިންވަރު ގިނަ.
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން

ރާއްޖޭގެ
އިޤްތިސާދީ ހާލަތަށް އަލިއަޅުވާލައްވަމުން ނޫރައްދީން ވިދާޅުވީ، މިހާރު ގައުމަށް ކުރިމަތިވެފައިވާ
އިޤްތިސާދީ ގޮންޖެހުންތަކާއެކު ރައްޔިތުންނަށް ކޮވިޑް-19 ގެ ހާލަތުގައި ދިން ފަދަ ލުއިތަކެއް
ދޭންޖެހޭ ކަމަށެވެ. އެގޮތުން ފްލެޓުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށާއި، ނިމިދިޔަ
ސަރުކާރުން ކަނޑައަޅާފައި އޮތް ކުޑަ ކުއްޔަށް، ފްލެޓުތަކުގެ ކުލި ބަދަލުކޮށްދިނުމަށް
ރައީސުލްޖުމްހޫރިއްޔާއަށް ނޫރައްދީން ވަނީ ގޮވާލައްވާފައެވެ.