އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރެފަރެންޑަމް އިންތިޚާބާ ދިމާކޮށް، ގޯއްޗާ ފްލެޓް ހަވާލުކުރާ ވާހަކަތަކުގެ އަޑު ގަދަވި ކަމަށާއި ނަމަވެސް މިހާރު އިންތިޚާބުތައް ނިމުމުން އެ ވާހަކަ ދައްކާނެ މީހަކު ވެސް ސަރުކާރުގައި ނެތް ކަމަށް  ބޯހިޔާވަހިކަމުގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސޮބާހު ވިދާޅުވީ ނިމިގެން ދިޔަ ކައުންސިލް އިންތިޚާބު ބޯމަތިވެގެން އައި އިރު، ފޭސް 3 ހިއްކާ ވާހަކަ އާއި، ގުޅީފަޅު ހިއްކާ ވާހަކައިގެ އަޑު ގަދަ ވެގެން ދިޔަ ކަމަށެވެ. އަދި އިންތިޚާބާ ވަރަށް ގާތްވެފައި ވަނިކޮށް ކުއްލިއަކަށް ފޭސް 3 އިން ގޯތި ލިބިފައި ތިބި މީހުންގެ ރަޖިސްޓްރީ ހައްދައިދޭ ވާހަކައިގެ އަޑުތައް ވެސް ގަދަވި ކަމަށާ އިންތިޚާބު ކައިރިވަމުން ދިޔަ ވަރަކަށް ގޯތި ހަވާލު ކުރާ ވާހަކަ ވެސް ސަރުކާރުން ދެއްކި ކަމަށެވެ.

ސޮބާހު ވިދާޅުވީ އެހެން ނަމަވެސް އަސްލު ހަގީގަތުގައި ސަރުކާރުން ކުރި ކަމަކީ ރައްޔިތުންގެ ހުރި އެންމެ ބޮޑު މުހުތާދުގެ ނާޖާއިޒް ފައިދާ ނަގައި ރައްޔިތުންގެ ޖަޒުބާތާ ކުޅުން ކަމަށެވެ. 

މިހެން އަސްލު ކަންތައްތައް ކޮށްގެން ނުވާނެ ސަރުކާރުން. އަނެއްކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެގެން ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް ވައުދުވެވަޑައިގެންފަ ވަނީ އެ ލިބިފަ ހުރި ތަނަކުން އެ ލިބުނު ގޯއްޗެއް، ލިބުނު މީހަކަށް ދެއްވާނެ ކަމަށް. އަދި އެ ލިބިފަ ހުރި ތަނެއްގަ އެމީހަކު ބޭނުން ޑިޒައިނަކަށް، ބޭނުން އުސް މިނަކަށް ހައްދަވައިދެއްވާނެ ކަމަށް. މި ހުރިހާ ވާހަކައެއް ދައްކަވާފަ މި ވެރިކަމަށް ތިން އަހަރު ވެގެންދާއިރު އެއްވެސް ބޯހިޔާވަހިކަމުގެ ކަމެއް އަސްލު ހަގީގަތުގައި ނެތް ފެށިފައެއް ވެސް. ނުފެށުން ތަނުގައި، ރައްޔިތުންނަށް ކުރީ ސަރުކާރުން ކަށަވަރު ކޮށްދީފަ މިހިރަ ބޯހިޔާވަހިކަން ހަވާލުވެސް  ނުކުރޭ. 
ބޯހިޔާވަހިކަމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު

އޭނާ ވިދާޅުވީ ގޯއްޗާއި ފްލެޓް ހަވާލު ކުރުމުގައި ވެސް ސަރުކާރުން ބަލަނީ ރައްޔިތުންގެ އެންމެ ބޮޑު މުހުތާދުން ނެގެން އޮތީ ކޮން ފައިދާއެއް ތޯ ކަމަށެވެ. އަދި އެއަށްފަހު އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެ ވާހަކަތައް ދައްކަނީ ކަމަށް ވެސް ސޮބާހު ވިދާޅުވި އެވެ. 

މިސާލަކަށް ބައްލަވާ ފޭސް 3. ފޭސް 3 ގަ އިން ވަކި ކޮށްފަ، ގޯތިތައް ހަވާލުކުރުމުގެ މަރުހަލާއެއް ވެސް ފެނިގެން ދިޔަ އިންތިޚާބާ ކައިރި ވެފަ އޮއްވާ. އެކަމު އިންތިޚާބު ނިމުމަށްފަހު ދެން އޭގެ ވާހަކަ ދައްކާނެ މީހަކު ވެސް ނެތް.  މިވަރަށް ރައްޔިތުންގެ ހުރި މުހިއްމު، އަސާސީ ބޭނުމެއްގެ ނާޖާއިޒް ފައިދާ ނަގާކަށް ނުވާނެ. އެހެންވީމަ އަޅުގަނޑުމެން އަސްލު ހަގީގަތުގައި ސަރުކާރަށް ގޮވާލަން މިކަން ކުރައްވާ ކަމަށް ވަންޏާ، ރައްޔިތުންނަށް އެ ދޭންޖެހޭ ބޯހިޔާވަހިކަމާ ގޯއްޗާ، އެ އޮންނަ އުސޫލުން އެކަން ކުރައްވާށޭ.
ބޯހިޔާވަހިކަމުގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުރާ ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު

ސޮބާހު ވިދާޅުވީ ރައްޔިތުންގެ އަސާސީ ބޭނުންތަކުގެ ނާޖާއިޒް ފައިދާ ނެގުމަށް ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް އެ ފަދަ ވާހަކަދެއްކުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެއީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާ، އެފަދަ ކަންކަމަށް ރައްޔިތުން މިހާރު ނުވެސް ހެއްލޭ ކަމަށެވެ. 

ސަރުކާރުގެ މި އަމަލުތަކުން އެންމެ ބޮޑު ތަކުލީފުތަކެއް ލިބެނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމަށާ އޮންނަ އުސޫލުތަކުގެ ތެރެއިން ފްލެޓްތަކާ ގޯތިތައް ދިނުން އަވަސް ކުރުމަށް ވެސް ސޮބާހު ގޮވާލެއްވި އެވެ.