ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު،
އެ ވާހަކަ ދައްކާ ބަޔަކު މިއަދު ނެތްކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު
އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން
އިހުސާން ވިދާޅުވީ، ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރުވެސް، އެކަމާ ގުޅިގެން
ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަން ފެންނާކަށް ނެތް ކަމަށެވެ. އަދި އެފަދަ
ބޮޑެތި ހާދިސާތަކުގެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ސަރުކާރުގެ ތެރޭގައި ނެތްކަން އޭނާ
ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އިސްވެރިންނަށް ފާޑުވިދާޅުވަމުން އިހުސާން
ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާއިރު މި ސަރުކާރުގެ ވެރިންގެ އެއްވެސް ލަދެއް
ނެތް ކަމަށެވެ. އަދި މިއަދު ކޮރަޕްޝަނަކީ ފަޚުރުވެރި ކަމެއްގެ ގޮތުގައި ފާޅުގައި ކުރަމުންދާ
ކަމަކަށް ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިހުސާން ތުހުމަތު ކުރެއްވި ގޮތުގައި މިއީ ކޮރަޕްޝަނަށް
ހިތްވަރުދޭ ސަރުކާރެކެވެ. އެހެން ނޫންނަމަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ޚާއްސަ
ތަހުގީގުތަކެއް ހިންގާނެ ކަމަށާއި، ނަމަވެސް އެފަދަ އެއްވެސް މަންޒަރެއް މިއަދު ފެންނާކަށް
ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ،މި ސަރުކާރުން ކޮރަޕްޝަންގެ
އަމަލުތަކަށް ހިތްވަރުދެމުންދާ ކަމަށާއި، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ތަހުގީގު
ކުރުމުގެ ބަދަލުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ސަރުކާރުން ހިމާޔަތް ދެމުންދާ
ކަމަށެވެ.
އެޗްޑީސީގެ ބިންތައް ވިއްކާލި ކަމުގެ ބޮޑެތި ތުހުމަތުތައް
ކުރެވުނު ފަރާތްތަކަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ، އެފަދަ ތުހުމަތުތައް
ކުރެވޭ ފަރާތްތައް މިއަދު ފެންނަނީ ވެރިކަން ކުރާ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ކުރީ
ސަފުން ކަމަށެވެ. މީގެއިން ދޭހަވަނީ ކޮރަޕްޝަނަށް މަގުފަހިކުރާ ފަރާތްތަކަށް ސަރުކާރުގެ
ތެރެއިން ޖާގަ އޮތް މިންވަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ، ސަރުކާރުން އަބަދުވެސް
ދައްކަނީ ހުސް ވާހަކަތަކެއް ކަމަށާއި، އެ ވާހަކަތަކަށް އަމަލީ ސިފައެއް އަންނަ މަންޒަރެ
ނުފެންނަ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައިވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ
ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނަން ކެރޭ އެއްވެސް
މެމްބަރަކު ވެރިކަން ކުރާ ޕާޓީގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ދައްކަނީ ހުސް ވާހަކަ، އެ ވާހަކަތަކަށް އަމަލީ ސިފައެއް ފެންނާކަށް ނެތް، ފާޅުގައި މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނަން ކެރޭ މެމްބަރަކު ވެރިކަން ކުރާ ޕާޓީގައި ނެތް،ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން
އިހުސާންގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ
ތެރޭގައި ކޮރަޕްޝަންގެ ވާހަކަ ދައްކާ މެމްބަރުންގެ އަޑުތައް މިއަދު ވަނީ ކަނޑުވާލާފައި
ކަމަށެވެ. އަދި މިއަދު ގައުމުގެ ވެރިކަމުގައި ސަރުކާރެއްގެ އެއްވެސް ސިފައެއް ފެންނާކަށް
ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.