ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެން އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބުކުރައްވައިފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުހައްމަދު ޝާހިދު އެވެ. 

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1،049 މީހުންނަށް ލިބިފައިވާއިރު އިންތިޚާބުގައި ބަހައްޓާފައި ވަނީ ޖުމްލަ 3 ވޯޓު ފޮއްޓެވެ. އެ 3 ފޮށިން ވެސް ކުރި ހޯއްދަވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އެވެ. އިންތިޚާބުގައި 985 މީހުން ވޯޓު ލާފައިވާއިރު ސުހާއަށް ލިބުނީ 529 ވޯޓެވެ. އެމްޑީއޭ ގެ ކެންޑިޑޭޓް ޝާހިދަށް ލިބުނީ 449 ވޯޓެވެ. ޖުމްލަ ވޯޓުގެ ތެރޭ ބާތިލް 7 ވޯޓު ހިމެނެ އެވެ.

 ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ޔަގީންވުމާއެކު، ޕީއެންސީގެ ކެންޑިޑޭޓު ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ. 

ހައިކޯޓުގައި މި މައްސަލަ ނިންމެވި ފަނޑިޔާރުން ވަނީ ޕީއެންސީގެ ކެންޑިޑޭޓު އެދިފައިވާ ގޮތަށް ބާތިލު ބަންޑަލީގެ 17 ވަނަ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅުއްވާފަ އެވެ. އެހެންވެ އޭނާއާ އެމްޑީއޭގެ ކެންޑިޑޭޓުގެ ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. އެހެންކަމުން އިންތިޚާބުގެ ރަސްމީ ނަތީޖާ އަލުން އިސްލާހުކޮށް އިއުލާނު ކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

ހައި ކޯޓުގެ މި އަމުރާއެކު ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާތި އަލުން އިންތިޚާބު ބާއްވަން ޖެހެ އެވެ.  އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ދ. މީދޫ / ދިލްޝާދުގެ، ސުހާ އިބްރާހީމްއާއި، އެމްޑީއޭގެ ކެންޑިޑޭޓް، ދ. މީދޫ / މުޝްތަރީވިލާ، މުޙައްމަދު ޝާހިދެވެ.

ދ. މީދޫ ކައުންސިލް ރައީސް މަޤާމުގެ އިތުރު ބުރުގެ ވޯޓު ނެގުން ކުރިއަށް ގެންގޮސްފައި ވަނީ 2026 ޖޫން 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ ޖޫން 14ގައި އިއުލާން ކުރާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ. 

ކައުންސިލް އިންތިޚާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި އެހެން މައްސަލަތަކަށް ބަލާއިރު، ތ. ތިމަރަފުށީ ކައުންސިލްގެ އިންތިޚާބުގެ މައްސަލަ ދިމާވި، އަމީނިއްޔާ ސްކޫލުގައި ހުރި ފޮށީގެ ވޯޓު އަލުން ގުނައިދިނުމަށް، އިންތިޚާބުން ނާކާމިޔާބުވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އިމާދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މައްސަލަ ވެސް ނިމިފައިވަނީ އޭނާއާ އެއްކޮޅަށެވެ. އެގޮތުން އެ ވޯޓު ކަރުދާސްތައް އަލުން ގުނައި، އެ ވޯޓު ފޮށީގެ ނަތީޖާ އަލުން ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

މީގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށުގައި ބެހެއްޓުނު ފޮށީގެ ނަތީޖާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަވެސް ނިމިފައިވަނީ ޕީއެންސީ ކެންޑިޑޭޓާ އެއްކޮޅަށެވެ. އެގޮތުން އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލުކަމަށް ކަނޑައެޅުމާއެކު، ޕީއެންސީ ކެންޑިޑޭޓު ވަނީ ވޯޓުން ކުރި ހޯއްދަަވާފަ އެވެ.