އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި، ބޭނުންވާ ބައެއް މެޑިކަލް ކޮންސިއުމަބަލްސް ރާއްޖެއާ ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢީލާ ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެކެވެ.

އިންޑިއާއިން ރާއްޖެއަށް ފޮނުވި މީސަލްސް-ރުބެއްލާ (އެމް.އާރް) ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި ތިން ޓަނުގެ މެޑިކަލް ސާމާނު މާލެ ގެނެސްފައިވަނީ ހުކުރު ދުވަހުއެވެ. މި އެހީގެ ދަށުން ޖުމލަ 20،000 ޑޯޒްގެ އެމް.އާރް ވެކްސިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ތިން ޓަނުގެ މެޑިކަލް ސާމާނުގެ ތެރޭގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި، ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖުގެ އިތުރުން، ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓްތަކާއި އެހެނިހެން މެޑިކަލް ކޮންސިއުމަބަލްސް ހިމެނެއެވެ.

މި އެހީއާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނީ، މިއީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ދެމެހެއްޓެނިވި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މި ތަކެއްޗަކީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.

އިންޑިއާ ސަރުކާރުން މި އެހީ ފޯރުކޮށްދީފައިވަނީ އެ ގައުމުގެ 'ނެއިބަރހުޑް ފަސްޓް' ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މި ސިޔާސަތުގެ ދަށުން، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ.

މީގެ ކުރިންވެސް ސިއްހީ އެކި ކަންކަމުގައި އިންޑިއާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.