ހއ.ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރޯޑް ޑިވަލޮޕްމަންޓް ކޯޕްރޭޝަން (އާރްޑީސީ) އަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ. 

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، ތަކަންދޫގައި އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުއާ ދިމާކޮށް އެރަށުގެ ފެނަކައިން ގިނަ ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށެވެ.

މަސައްކަތެއް ނެތި ގިނަ ބަޔަކަށް ވަޒީފާ ދީފައިވާއިރު، އޭގެތެރެއިން 5 މުވައްޒަފުން މިފަހުން އާރްޑީސީއަށް ބަދަލު ކޮށްފައިވާ ކަމަށެވެ. 

އޭގެފަހުން އެމީހުން ވަޒީފާއަށް ނުކުންނަނީ އާރްޑީސީއަށް ކަމަށާއި، ނަމަވެސް އެއްވެސް ލިޔެކިއުމެއް ހިއްސާ ކޮށްފައިނުވާތީ ފެނަކައިން ވެސް އަދި އާރްޑީސީން ވެސް އެމީހުންނަށް މުސާރަ ލިބޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ، ފެނަކަ މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު މިމަހުގެ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ވަނީ ހުޅުވާލާފައިވާތީ މިހާރު އެ މުވައްޒަފުން ފެނަކައިން ކެނޑުމަށް އަމިއްލަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަކީ މިހާރު ވެސް އާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ މިއީ ވަރަށް ނާއިންސާފުން ކުރާ ކަމެއް ކަމަށާއި، ނަމަވެސް މިކަން ބަލާނެ އެއްވެސް މުއައްސަސާއެއް ނުވަތަ ވެރިއެއް ނެތް ކަމަށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ރައްޔިތުންގެ ތެރޭގައި ރުޅިވެރިކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.