ސިޔާސީ ފުރުސަތަކަށް އެދިވަޑައިގަންނަވާ ޒުވާނުން މިސާލަކަށް ބަލަންވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ދެއްކެވި ހިތްވަރު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ހުކުރު ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އެކަމުގެ އުފާ ފާޅު ކުރުމަށް އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.

އެ އިވެންޓުގައި ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އަށް ފަހު މީކާއީލް އެމަނިކުފާނަށް ގުޅުއްވާފައިވާ ކަމަށެވެ. އެއާ އެކު ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު މީކާއީލް އަށް ޝުކުރު ދަންނަވާ ކަމަށެވެ. 

ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި މީކާއީލް ކުރެއްވި ބުރަ މަސައްކަތާއި، އަދި މީކާއީލް ދެއްކެވި އެ ހިތްވަރަކީ އަބަދު ވެސް އެމަނިކުފާނަށް ހިތްހަމަ ޖެހުން ލިބި، އުފާ ވާނެ ހިތްވަރެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަރަމުން އަންނަ ޒުވާނުންނަށް، އަދި ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ އެންމެހާ ޒުވާނުން ބައްލަވަންވީ މިސާލަކީ އެއީ ކަމަށް ވެސް ރައީޝް ނަޝީދު ފާހަގަ ކުރެއްވި އެވެ.

އެ ބޭފުޅާ އެ ކުރެއްވި ބުރަ މަސައްކަތް، އަދި އެ ބޭފުޅާ އެ ދެއްކެވި ހިތްވަރަކީ އަބަދު ވެސް އަޅުގަނޑަށް ހިތްހަމަ ޖެހުން ލިބި، އުފާ ވާނެ ހިތްވަރެއް. އަރަމުން އަންނަ ބޭފުޅުން، ސިޔާސީ ފުރުސަތަށް އެދިވަޑައިގަންނަވާ އެންމެހާ ޒުވާނުން ބައްލަވަންވީ އެ މިސާލަށް. ނުކުންނަވާންވީ، ތިޔަ ހުރިހާ ބޭފުޅުން ވެސް ނިކުންނަވާންވީ. 
ކުރީގެ ރައީސް މުޙައްމަދު ނަޝީދު

މީގެ އިތުރުން އެ އިވެންޓުގައި ރައީސް ނަޝީދު ވިދާޅުވީ، ވީ އެންމެ އަވަހަކަށް ޕާޓީގެ މަސައްކަތްތައް ފަށައި ގަންނާނެ ކަމަށާއި، އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. ޗެއާޕާސަންގެ އިންތިޚާބު ކާމިޔާބު ވުމަކީ، މަސައްކަތް ނިމުން ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިއީ މި ދިވެހި ރާއްޖެ ސަލާމަތް ކުރުމުގެ މަސައްކަތުގެ ފެށުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ހުރިހާ ވާދަވެރިންގެ ކިބައިން ވެސް އެދިވަޑައިގަންނަވަނީ އެކުގައި ވަޑައިގެން މަސައްކަތްކޮށް، މިހާރު އޮތް ސަރުކާރު ޖަވާބުދާރީކޮށް، އަދި ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. 

ޗެއާޕާސަންގެ އިންތިޚާބުގައި ރައީސް ނަޝީދު އާއި، މީކާއީލް ވެސް ވަނީ ރާއްޖޭގެ ވަރަަށް ގިނަ ރަށް ތަކަށް ވަަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ޕާޓީ އަށް ގެންނަން ބޭނުންވާ ބަދަލުތާކައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދެ ބޭފުޅުން ވެސް ކެމްޕެއިންގައި ދެއްކެވި އެވެ.

ހުކުރު ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވާފައި ވަނީ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މިއީ ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަދާ ކުރައްވާނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ރައީސް ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަދާ ކުރައްވާފައިވާއިރު، އެމަނިކުފާނު ވަނީ ގިނަ ދުވަސް ތަކެއް ވަންދެން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.