ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ހއ. ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ހުއްޓިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ޝަރީފް ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މުޅި ހއ. ބޮޑެތި ވައުދުތަކެއް ރައީސް މުއިއްޒު ވެވަޑައިގެންނެވި ކަމަށާއި، ނަމަވެސް މިހާތަނަށް އެއްވެސް މަޝްރޫއެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ.

ހއ.ފިއްލަދޫ އަށް އިޝާރާތް ކުރައްވައި ޝަރީފް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް މި ސަރުކާރުގައި ކުރިއަށް ނުގެންދާ ކަމަށެވެ. 

އެގޮތުން ހއ.ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި، މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅު ކުރެއްވި އެވެ. 

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ވަށަފަރުގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ވެސް ހުއްޓިފައިވާ ކަމަށެވެ. 

ވަށަފަރުގައި އަޅުގަނޑުމެން ގިރާ ސަރަހައްދުގައި ތޮށިލައި އެތަން ހިއްކަން އަޅުގަނޑުމެން ވާނީ ނިންމާފައި. އެހެން ނަމަވެސް އެ މަސައްކަތް ވެސް ފެށިގެން ނުދޭ. އެހެން ގޮސް އެއްވެސް މަޝްރޫއެއް އޭރު އަޅުގަނޑުމެންގެ ބަޖެޓު ކޮށްފައި ހުރި ނުވަތަ އަޅުގަނޑުމެން ޕްލޭން ކޮށްފައިހުރި 19 ވަނަ މަޖިލީހުގައި ބަޖެޓު ކޮށްފައި ހުރި އެއްވެސް މަޝްރޫއެއް ފެށިގެން ކުރިއަށް ނުދޭ. 
ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް 

ޝަރީފް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހުއްޓި ރައްޔިތުންނަށް މިއަދު ވަރަށް ދަތިވެފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި މިމަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.