ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ހުރިހާ ކަމެއް ވަރަށް އަމާންކަމާއެކު ކުރިއަށްދާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ރާއްޖެއެމްވީއަށް އީސީގެ އޮފިޝަލް ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ގެންދާ މި އިންތިޚާބުގެ ވޯޓުލުން ގަޑިއަށް ފެށިފައިވާ ކަމަށާއި، ހަވީރު 4:00 އަށް ކުރިއަށްދާނެ ކަމަށެވެ. މި އިންތިޚާބުގައި ބަހައްޓާފައިވާ ހުރިހާ ފޮއްޓެއްގައި ވެސް ގަޑިއަށް ވަނީ ވޯޓުލުން ފެށިފައިވާކަމުގެ ޔަގީންކަން އޮފިޝަލް ދެއްވި އެވެ. 

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 1049 މީހަކަށް ލިބިގެންވާއިރު، ޖުމްލަ ތިން ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ.

އެގޮތުން ދ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވެ އެވެ. އަދި މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފަ އެވެ.

އީސީން ބުނީ، ދ. މީދޫއަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން ވޯޓުލާނީ 587 މީހުން ކަމަށެވެ. އަދި މާލެއަށް ވޯޓުލުމަށް 462 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ކޮށްފައިވާ ކޮމިޝަނުން ބުނެފައިވެ އެވެ. 

މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް  ދެވަނަ ބުރަކަށް ގޮސްފައިމިވަނީ  އެރަށުގެ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ޔަގީންވުމާއެކު، ޕީއެންސީގެ ކެންޑިޑޭޓު ހައިކޯޓަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވި ފަނޑިޔާރުން ވަނީ ޕީއެންސީގެ ކެންޑިޑޭޓު އެދިފައިވާ ގޮތަށް ބާތިލު ބަންޑަލީގެ 17 ވަނަ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅުއްވާފަ އެވެ. އެހެންވެ އޭނާއާ އެމްޑީއޭގެ ކެންޑިޑޭޓުގެ ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފަ އެވެ. އެހެންކަމުން އިންތިޚާބުގެ ރަސްމީ ނަތީޖާ އަލުން އިސްލާހުކޮށް އިއުލާނު ކުރުމަށް ކޯޓުން ވަނީ އަންގާފަ އެވެ.

ހައި ކޯޓުގެ މި އަމުރާއެކު ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާތި އަލުން އިންތިޚާބު ބާއްވަން ޖެހެ އެވެ. އިންތިޚާބުގެ އިތުރު ބުރުގައި ވާދަކުރާނީ، ދެ ކެންޑިޑޭޓުންނެވެ. އެއީ، ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ދ. މީދޫ / ދިލްޝާދުގެ، ސުހާ އިބްރާހީމްއާއި، އެމްޑީއޭގެ ކެންޑިޑޭޓް، ދ. މީދޫ / މުޝްތަރީވިލާ، މުޙައްމަދު ޝާހިދެވެ.