މި ސަރުކާރުން
ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސިދާ ޙަރަކާތަށް ނުކުންނަވާނެކަމަށް އެމްޑީޕީގެ
ޗެއަރޕަރސަންކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ
ޗެއަރޕަރސަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ބޭއްވި އުފާ ފާޅުކުރުމުގެ ޙަރަކާތުގައި
ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ދޫކޮށްލައިގެން
ތިބެވެން ނެތް ކަމަށާއި، މިއީ އެންމެހާ ރައްޔިތުންގެ ޤައުމު ކަމަށެވެ. ޤައުމުގެ ސަލާމަތާއި
ރައްކާތެރިކަމުގެ އިތުރުން، ރައްޔިތުންގެ ތަނަވަސްކަމާއި މިނިވަންކަމަށްޓަކައި އެމްޑީޕީން
އަބަދުވެސް ތެދުވާނެ ކަމުގެ ޔަޤީންކަން ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

ސަރުކާރަށް
ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، މި އިންތިޚާބުގެ ތެރޭގައި
ސަރުކާރުގެ އެސްއޯއީތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ މުވައްޒަފުންނާ މެދު ވަޒީފާގެ
ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. މިފަދަ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް އެމްޑީޕީން
ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށާއި، އެއްވެސް ޙާލެއްގައި ފަހަތަކަށް ނުޖެހޭނެ
ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު
އިތުރަށް ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ ބޭއިންސާފު ކަންކަން ވަގުތުން ހުއްޓާލަން
ޖެހޭ ކަމަށެވެ. އަދި މިކަންކަމާ ދެކޮޅަށް އެމްޑީޕީން ސީދާ ޙަރަކާތަށް ނުކުންނާނެ ކަމުގެ
އިންޒާރު ދެއްވަމުން، ސަރުކާރުން ކުރާ ކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށާއި،
ސަރުކާރަށް އަބަދުވެސް ފާރަވެރިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

  ސަރުކާރުން ޖެހޭނީ ބޭއިންސާފުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން، އެމްޑީޕީން ސީދާ ޙަރަކާތަށް ދާނަން. އަޅުގަނޑުމެން ތިބޭނީ ސަރުކާރުން ކުރާ ކަންކަން ބަލަބަލަ، އަދި ސަރުކާރަށް އަބަދުވެސް ފާރަވެރިވާނަން.
އެމްޑީޕީގެ ޗެއަރޕަރސަންކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު 

އިންތިޚާބުގެ
ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ މެމްބަރުން ކުރި ބުރަ މަސައްކަތްތަކަށް
ރައީސް ނަޝީދު ވަނީ ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް
ފައްޔާޒް އިސްމާއިލް ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ޚާއްޞަ
ޝުކުރެއް ރައީސް ނަޝީދު އަދާކުރެއްވި އެވެ.

މީގެ އިތުރުން،
އެމްޑީޕީއަކީ އެންމެންގެ ޕާޓީއެއްކަން ފާހަގަކުރައްވައި، އިންތިޚާބުގައި ވާދަކުރެއްވި
މީކާއީލް އަހުމަދު ނަސީމަށްވެސް ރައީސް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ. އަދި ސިޔާސީ
ދާއިރާއަށް އަލަށް ކުރިމަތިލާ މެމްބަރުންނަށް މަރުޙަބާ ވިދާޅުވެ، ޕާޓީގެ ކުރިމަގަށް
އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.