މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ
ޗެއަރޕަރސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު
ކުރެއްވުމާ ގުޅިގެން، އެމަނިކުފާނާ ވާދަކުރެއްވި މީކާއީލް އަހުމަދު ނަސީމް މަރުހަބާ
ދަންނަވައިފިއެވެ.

މީކާއީލް މި މަރުހަބާ ދަންނަވާފައިވަނީ އިންތިޚާބުގެ
ނަތީޖާ އިއުލާނުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މީކާއީލް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ސާފުވުމާއެކު
ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ
ދަންނަވާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީގެ މަސައްކަތްތަކުގައި
އެކުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

މި ޕޯސްޓުގައި މީކާއީލް އިތުރަށް ވިދާޅުވީ، އެމްޑީޕީ
އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް
ކާމިޔާބު ކޮށްދިނުމަށްޓަކައި އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި
ޕާޓީގެ އާންމު މެންބަރުންނާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށްވެސް އޭނާ
ވިދާޅުވިއެވެ.

އިންތިޚާބުގެ ފޯރިގަދަ ކެމްޕެއިނަށް އަލިއަޅުއްވާލައްވަމުން
މީކާއީލް ވަނީ އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި އާންމު މެންބަރުންނަށް ޚާއްސަ ޝުކުރެއް
އަދާކުރައްވާފައެވެ. މީގެ އިތުރުން ކެމްޕެއިން ޓީމުން ކޮށްދެއްވި ބުރަ އަދި ހިތްވަރުގަދަ
މަސައްކަތް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ
ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބަކީ ޕާޓީގެ ކުރިމަގު
ބައްޓަންކުރުމަށް ބޭއްވުނު މުހިންމު އިންތިޚާބެކެވެ.