ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް ޖުމްލަ ކޮށް މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
އެ އިދާރާ އިން ރާއްޖެއެމްވީ އަށް ބުނީ ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ މޫސުން ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާ އިން ބުނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާއިރު ހުކުރު ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ވިއްސާރަވެ، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެސް ވެހިފަ އެވެ.
އެގޮތުން ހުކުރު ދުވަހު އުތުރާ މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކޮށްފައިވާއިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާފައި ވެ އެވެ. ނަމަވެސް ހޮނިހިރު ދުވަހު ދެކުނުގރ އަތޮޅުތަކަށް މޫސުން ރަނގަޅު ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް، ޚާއްސަކޮށް މެދުރާއްޖެތެރޭގެ މޫސުމަށް ސަމާލުވުމަށް އެ އިދާރާ އިން އިލްތިމާސް ކޮށްފައި ވެ އެވެ.
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވާއިރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރާ މިދުވަސްކޮޅު ސަމާލުކަން ދޭންޖެހޭ ބައެއް ކަންކަން އެންޑީއެމްއޭ އަދި މެޓް އޮފީހުން ވެސް ފާހަގަ ކޮށްފައިވެ އެވެ.
އެގޮތުން ވާރޭވެހި، ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލަސއި ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވެ، ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އޭގެ އިތުރުން ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުން ކޮށްގެން ފުރާޅު ހައްޔަރު ކުރުމާއި، ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލުމާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން ފަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް ވެސް އެ އޮތޯރިޓީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެންޑީއެމްއޭ އިން ބުނެފައި ވަނީ ދަތުރަށް ނުކުންނަ އިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީން ކުރުމަށް އިލްތިމާސް ކުރާ ކަމަށާއި، ކާޑުގެ ބާވަތްތަކާ ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމް ކުރުމަށް ވެސް އެދޭ ކަމަށެވެ.