މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ. 

މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވި އިރު މި އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެެވެ. 

އިންތިޚާބުގެ ވަގުތީ ނަތީޖާ އިން މި އިންތިޚާބު ކާމިޔާބުކުރެއްވީ ނަޝީދު ކަން ޔަގީން ވުމާއެކު ނަޝީދުގެ ޓީމުން ވަނީ ޕާޓީގެ މެންބަރުންނަށް ޝުކުރުދަންނަވާފަ އެވެ. އަދި އިދިކޮޅު ކެންޑިޑޭޓް މީކާއިލްގެ ޓީމު ކުރި މަސައްކަތް ފާހަގަ ކޮށްފަ އެވެ. މީކާއިލްގެ ޓީމުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ނަޝީދާ، އެމަނިކުފާނުގެ ޓީމަށް މަރުހަބާ ދަންނަވާފަ އެވެ. 

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ މެންދުރު 02:30 އިން ރޭގަނޑު 09:00 އާ ހަމަ އަށެވެ. ދެ ފަހަރެއްގެ މަތިން ވޯޓު ފޮށި ބަންދުކުރާ ވަގުތު އިތުރު ކޮށްފައިވާއިރު އެންމެ ފުރަތަމަ ވޯޓު ފޮށި ބަންދު ކުރުމަށް ނިންމީ ރޭގަނޑު 08:00 އަށެވެ. އެއަށްފަހު އެ އިންތިޚާބުގެ ވޯޓުލުން 08:30 އަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީ އިން ބުރާސްފަތި ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ. ނަމަވެސް ސަބަބު ހާމަކޮށްފަ އެއް ނުވެ އެވެ. 

ހުކުރު ދުވަހު ދެވަނަ ފަހަރަށް އެ ވަގުތު އެ ޕާޓީ އިން އިތުރު ކޮށްފައި ވަނީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވެފައިވާތީ އެވެ. އެހެންކަމުން ރޭގަނޑު 09:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ގެންގޮސްފައި ވެ އެވެ. 

މި އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކު ވަރަށް ފޯރީގަ އެވެ. 

މިއީ އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބެވެ. ކުރިން ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ވަގުތީ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ އެވެ.