އެމްޑީޕީގެ ޗެއާޕަސަންގެ މަގާމަށް މީހަކު ހޮވުމަށް
މިއަދު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު
ފޮށި ފަޅާލުމާ ގުޅިގެން އެ ރަށުގައި މިއަދު ވޯޓުލުން ކުރިއަށް ނުގެންދިއުމަށް އެމްޑީޕީގެ
އިންތިހާބީ ކޮމިޓީން ނިންމައިފި އެވެ.

މި ހާދިސާއާ ގުޅިގެން އެ ފޮށީގެ ވޯޓުލުން މިހާރު
ވަނީ މެދުކަނޑާލާފަ އެވެ.

އެމްޑީޕީގެ އިންތިހާބު ކޮމިޓީގެ މެންބަރު އިބްރާހިމް
މުއިއްޒު ވިދާޅުވީ، ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށްޓަށް ވޯޓުލުން ދެން ކުރިއަށްގެންދާނީ
އެހެން ދުވަހަކު ކަމަށެވެ. މުއިއްޒު އިތުރަށް ވިދާޅުވީ، އުސޫލުތަކުގެ ތެރެއިން ވޯޓު
ފޮށްޓެއް ބާތިލްކޮށްފި ނަމަ، ދެން އެ ފޮށްޓަކަށް ވޯޓުލުން ބާއްވާނީ ފަހުގެ ތާރީޚެއްގައި
ކަމަށެވެ.

މިއަދު ހިނގި މި ހަމަނުޖެހުމާ ގުޅިގެން ފިޔޯރީގައި
ބެހެއްޓި ވޯޓު ފޮށި ބާތިލްކުރިއިރު، އެ ރަށުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވަނީ ޖުމްލަ
84 މީހުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު،
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ކުރިއަށްދަނީ ވަރަށް ވާދަވެރިކޮށެވެ.