ރައްޔިތުންގެ
މެދުގައި މިހާރުގެ ސަރުކާރާ ދޭތެރޭ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން
އެ ކަންބޮޑުވުންތައް ޙައްލުކޮށްދިނުމަށާއި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ
މަސައްކަތުގައި އެމްޑީޕީން ދޫދިނުމެއް ނެތި މަސައްކަތް ކުރާނެކަމަށް ކުރީގެ ރައީސް
އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ
އެތެރޭގެ އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސް
ސޯލިޙު ވިދާޅުވީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެމްޑީޕީން ފެނިގެންދިޔައީ ރާއްޖޭގެ
ޑިމޮކްރަސީ ފައްކާވަމުންދިޔަ މަންޒަރު ކަމަށެވެ. މިއަދު ކުރިއަށްދާ ޗެއަރޕަރސަން ހޮވުމުގެ
އިންތިޚާބަކީވެސް ޕާޓީގެ އެތެރޭގެ ނުހަނު މުހިންމު އަދި ބޮޑު އިންތިޚާބެއްކަން ފާހަގަކުރައްވައި
ރައީސް ސޯލިޙު ވިދާޅުވީ، އިންތިޚާބުގެ ކަންކަން ވަރަށް ޝައުޤުވެރިކަމާއެކު ކުރިއަށްދާކަން
ފާހަގަކުރެވޭ ކަމަށެވެ.

މީގެ
އިތުރުން، މިއަދުގެ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، ސަރުކާރު
ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ވަރުގަދަކޮށް ކުރިއަށް ގެންދާނެކަމުގެ ފުރިހަމަ އުއްމީދު
އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕާޓީގެ ކޮންމެ ލީޑަރޝިޕަކާއެކުވެސް
އެމަނިކުފާނު އަބަދުވެސް ހުންނަވާނީ އެމްޑީޕީއާއެކު ކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ސަރުކާރުގެ
މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިޙު ވިދާޅުވީ، ރައްޔިތުންގެ
މެދުގައި މިހާރުގެ ސަރުކާރާ ދޭތެރޭ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން
އެ ކަންބޮޑުވުންތައް ޙައްލުކޮށްދިނުމަށާއި ސަރުކާރު ޒިންމާދާރު ކުރުވުމަށް ގިނަ މަސައްކަތްތަކެއް
ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގެ ނާކާމިޔާބަށް ފަހުވެސް
އެމްޑީޕީ ވަރަށް އަވަހަށް އަލުން ތެދުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ.
މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ސޯލިޙު ވިދާޅުވީ، ރައީސް
މުޢިއްޒު ވަރަށް ބާރު ސްޕީޑުގައި ވަޑައިގަންނަވަނީ ހުދުމުޚުތާރު ވެރިކަމަކާ ދިމާއަށް
ކަމަށެވެ. އެހެންކަމުން މިވަގުތަކީ މި ސަރުކާރު ބަދަލުކުރުން ވަރަށް މުހިންމު ވަގުތެއް
ކަމަށާއި، އެމްޑީޕީން ދެން އިތުރު މިސްޓޭކްތަކެއް ހަދައިގެން ނުވާނެ ކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ. އަދި ޕާޓީގެ ތެރެއިން އިތުރު ގޯސްތަކެއް ހެދުމަށް ފުރުސަތު ދީގެން ނުވާނެ
ކަމަށްވެސް ވިދާޅުވިއެވެ.

  އެމްޑީޕީން ދެން އިތުރު މިސްޓޭކްތަކެއް ހަދައިގެން ނުވާނެ، އަދި ޕާޓީގެ ތެރެއިން އިތުރު މިސްޓޭކްތައް ހެދުމަށް ފުރުސަތު ދީގެން ނުވާނެ، މި ސަރުކާރު ބަދަލު ކުރުން މިވަގުތަށް ވަރަށް މުހިއްމު، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ޕާޓީއަށް އެންމެ މަސްލަޙަތު ހުރިގޮތަކަށް.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު 

ވާހަކަފުޅު
ނިންމަވާލައްވަމުން ރައީސް ސޯލިޙު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ
ޕާޓީއަށް އެންމެ މަސްލަޙަތު ހުރި ގޮތަކަށް ބަލައިގެން ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ
އިންތިޚާބުތަކަކީ ޕާޓީ އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ ޙައްޤުގައި ކުރާ މަސައްކަތްތަކަށް
ލިބޭ އާ ހިތްވަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.