އެމްޑީޕީގެ
ޗެއަރޕަރސަންކަމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމްގެ ފަރާތުން އިންތިޚާބީ
ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
އިންތިޚާބީ
ކަންބޮޑުވުންތައް ފާޅުކޮށް މީކާއީލްގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބުގެ
ކަންކަން ވީހާވެސް އޮމާންކަމާއި، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް ހާމަކަން ބޮޑު
ގޮތެއްގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ޕާޓީ އޮފީހުން ހަމަޖައްސާފައިވާ
ކަމަށެވެ.
އެހެންނަމަވެސް
އިދިކޮޅު ކެންޑިޑޭޓްގެ ފަރާތުން ރޭވިގެން އެފަރާތައް އުއްމީދުކުރެވޭ ނަތީޖާ
ނުނެރެވޭ ކަމަށް ފެންނަ ރަށްރަށުގައި މީކާއިލްގެ މަންދޫބުންނަށް ފާސްދިނުން
ލަސްކުރުން ފަދަ ކަންކަން ހިނގަމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ފ. ފީއަލީ ލިސްޓުގައި ހިމެނޭ މީކާއީލްއަށް ތާއިދުކުރާ ބައެއް މީހުންގެ
ނަން ލިސްޓުން އުނިކުރެވިފައިވާ ކަން ފާހަގަވެފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ
އިތުރުން، ފޮށި ބެހެއްޓިފައިވާ ތަނުން ފޮށި ނަގައިގެން ގެންދިޔަކަންވެސް ބަޔާނުގައި
ވަނީ ފާހަގަކޮށްފައެވެ.
ބަޔާނުގައި
އިތުރަށް ބުނެފައިވަނީ، ގދ. ފިޔޯރީ ވޯޓު ފޮށި ފަޅާލައި، އެކަން ރަނގަޅު ނުކޮށް،
ވޯޓު ލާ މައްސަލައެއް ވެސް ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު، ހާމަކަން ބޮޑުކޮށް
ކުރިއަށް ގެންދިޔުމަށް، ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަށާ ޕާޓީގެ އެންމެހާ
ފަރާތްތަކަށް، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމްގެ ޓީމުން ވަނީ
ގޮވާލާފައެވެ.