މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވޯޓުލުން ފަށައިފި އެވެ. 

މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދާނީ ހުކުރު ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 8:30 އަށެވެ. މި އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. 

ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ވޯޓުލުން ފެށިފައިވާ އިރު، މިހާތަނަށް އެއްވެސްތަނެއްގައި މައްސަލައެއް ޖެހިފައި ނުވެ އެވެ. 

ވޯޓުލާން ދާ ފަރާތްތަކުން ކާކުކަން އަންގައިދޭ ރަސްމީ ލިޔުން ގެންދަން ޖެހެ އެވެ. ރަސްމީ ލިޔުމުގެ ގޮތުގައި ބަލައިގަންނަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު)، ޕާސްޕޯޓް، ލައިސަންސް ކާޑް އަދި ޕާސްޕޯޓް ކާޑެވެ. 

މިއީ އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބެވެ. ކުރިން ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ވަގުތީ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ އެވެ.