މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފި އެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.
އެއީ އެކު ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ އެވެ.
ޒަކާތު ހައުސް އިން ބުނީ، މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށެވެ. މިއީ ރާއްޖޭގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،000 ރުފިޔާއަށްވުރެ މަތިން ފައިސާ ބެހި ފުރަތަމަ ފަހަރު ކަމަށް ޒަކާތު ހައުސްއިން ބުނެ އެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. މިއީ އިސްލާމް ދީނުގެ ރުކުނަކަށްވާއިރު އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެ އެވެ.