ޗާޕުދެލީގެ ތިކި ހުރި ހުރިހާ ވޯޓު ކަރުދާހެއް
ބާތިލުކުރަން ނިންމައިފިނަމަ މުޅި އިންތިޚާބީ ނިޒާމު ބައްޓަން ކުރުމުގައި އިޔާދަ ނުކުރެވޭ
ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ޤަބޫލުކުރެވޭކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.
ސުޕްރީމް ކޯޓުން އެހެން ބުނެފައިވަނީ ވޭވަށު ގޮނޑި
އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މޮޅުވާގޮތަށް ހައިކޯޓުން
ކުރިން ކުރި ޙުކުމަކީ ގޯސް ނިންމުމެއް ކަމަށް ނިންމައި ބުރާސްފަތި ދުވަހު ކުރި
ޙުކުމުގައެވެ.
މި މައްސަލައިގައި
މައިގަނޑު ގޮތެއްގައި ބަހުސް ކުރެވިފައިވަނީ ވޯޓު ކަރުދާހުގައި ހުންނަ ޗާޕުދެލީގެ ތިކިތަކާ
ގުޅޭގޮތުންނެވެ. ސުޕްރީމް ކޯޓުން ބުނީ ޗާޕުދެލި ހުރި ކޮންމެ ކަރުދާހެއް ބާތިލުކުރާނަމަ،
އެކަމުގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.
އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގެ 63 ވަނަ މާއްދާގައި
އިންތިޚާބާބެހޭ ޝަކުވާ ހުށަހެޅުމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް ސާފުކޮށް ބަޔާންކޮށްފައިވާކަން
ފާހަގަކުރައްވައި، ސުޕްރީމް ކޯޓުގެ ޙުކުމުގައި ބުނެފައިވަނީ މިއީ ހަމައެކަނި މިއަހަރުގެ
ލޯކަލް ކައުންސިލު އިންތިޚާބުގެ ނަތީޖާއަކާ ގުޅިގެން ހުށަހެޅުނު މައްސަލައެއް ކަމުގައިވީނަމަވެސް،
މި މައްސަލައިގައި ނިންމާ ނިންމުމުގެ ސަބަބުން ކުރިއަށް ހުރި އިންތިޚާބުތަކަށްވެސް
އޭގެ އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މި މައްސަލައިގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުންނާއި
ވޯޓު ކަރުދާސް ޗާޕުކުރި ފަރާތުންވެސް ވަނީ ވޯޓު ކަރުދާސް ޗާޕުކުރުމުގައި ޗާޕުދެލި އެއްކޮށް
ނައްތާލުމަކީ މުސްތަހީލު ނުވަތަ ނުކުރެވޭނެ ކަމެއްކަން ހާމަކޮށްފައެވެ.
އެހެންކަމުން، ޗާޕުދެލީގެ ކުޑަ ތިއްކެއް ހުންނަ
ކޮންމެ ކަރުދާހަކީ ބާތިލު ކަރުދާހެއްގެ ގޮތުގައި ކަނޑައަޅަން ފަށައިފިނަމަ، އެއީ ކުރިމަގުގައި
ބާއްވާ ހުރިހާ އިންތިޚާބަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ.
ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ، މިފަދަ
ނިންމުމެއްގެ ސަބަބުން މުޅި އިންތިޚާބީ ނިޒާމު ބައްޓަން ކުރުމުގައި އިޔާދަ ނުކުރެވޭ
ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން
ވޯޓު ކަރުދާހުގައި ހުންނަ ޗާޕުދެލީގެ ސަބަބުން ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ
ފަދަ ހާލަތެއް ނެތް ނަމަ، އެއީ ބާތިލު ވޯޓެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމާއެކު ވޭވަށު ކައުންސިލްގެ ގޮނޑި އަލުން އެމްޑީޕީގެ ކެންޑިޑޭޓަށް ވަނީ ކަށަވަރުވެފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު
އަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޙަމީދުއެވެ. އަދި ރިޔާސަތުގެ ރައުޔަށް
ދެން ތިއްބެވި 2 ފަނޑިޔާރުން ތާއީދު ކުރެއްވިއެވެ.