ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލިކަން ރިޕޯޓު ކުރުމާއެކު، ސްޕެޝަން ޕްރޮޓެކްޝަން ދޭންޖެހޭކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދު މީހުންނާ މެދު އަމަލުކުރާ އުސޫލު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ވެބްސައިޓުން ނަގައިިފި އެވެ. 

މި މައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީ އަށް ކަރެކްޝަންސް އިން ބުނީ، ސްޕެޝަން ޕްރޮޓެކްޝަން ދޭންޖެހޭކަމަށް ކަނޑައަޅާ ގައިދީންނާއި ބަންދު މީހުންނާ މެދު އަމަލުކުރާ އުސޫލަށް މިހާރު އަމަލު ނުކުރާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު އެ އުސޫލު ވެބްސައިޓުން ވެސް ނަގާފައިވާ ކަމަށެވެ.  

ކަރެކްޝަންސް އިން ބުނީ، އެ އުސޫލު މުރާޖައާ ކުރާ ކަމަށާއި، ސްޕެޝަން ޕްރޮޓެކްޝަން ޔުނިޓްގެ އިނާޔަތް ލިބޭ މީހުން މިހާރު ކަނޑައަޅަނީ ކަރެކްޝަންސް އިން އަމިއްލަ އަށް ކަމަށެވެ. 

ކަރެކްޝަންސްއިން މިހެން ބުނެފައިމިވަނީ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލިކަމުގެ ރިޕޯޓު އާއްމުކޮށް، އެ މައުލޫމާތު ސާފު ކުރުމަށް ސުވާލު ކުރުމުންނެވެ. 

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ޖަވާބު ދިނުމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ވަނީ ދެކޮޅު ހައްދަވާފަ އެވެ. 

މުންދު ވިދާޅުވީ  ''ނަތިން ޓު ސޭ އެބައުޓް ވަޓްސްސޯއެވަރ'' ކަމަށެވެ. އަދި ވިދާޅުވީ އޮއްޓަރު ހުރި އެއްޗެއް އަހާފިނަމަ ޖަވާބު ދޭނެ ކަމަށާއި، މިއީ ޚަބަރެއް ނޫން ކަމަށެވެ. މިއީ ސަރުކާރުގެ ތަރުޖަމާނު ގާތު އަހާ ވަރުގެ ސުވާލެއް ނޫން ކަމަށް ކަމަށް މުންދު ވިދާޅުވި އެވެ.