މ.
ވޭވަށު ކައުންސިލްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ވޯޓާ
ގުޅިގެން ހައިކޯޓުން ނިންމި ނިންމުމަކީ މުޅި އިންތިޚާބީ ނިޒާމުގެ އަސާސްތަކަށް
ބޮޑެތި ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށް  ސުޕްރީމް ކޯޓުން
ނިންމައިފި އެވެ.

މި
މައްސަލައިގައި ހިލާފު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައި ކަމަށްވާއިރު،
އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ
ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެ އެވެ. އެގޮތުން ވޯޓު ކަރުދާހުގައި
ފާހަގަވެފައި ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި
ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް
ބަލައިގެންފައެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓަށް ލިބިފައިވާ 3 ވޯޓުގެ ވޯޓު
ކަރުދާހެކެވެ.

އެހެންނަމަވެސް
ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ
އެމްޑީޕީއަށް ލިބިފައިވާ 3 ވޯޓު ބާތިލު ކުރުމަށެވެ. އެހެންކަމުން އެމްޑީޕީގެ
ކެންޑިޑޭޓު އަހުސަން ނައީމް ކުރި ހޯދާފައިވަނިކޮށް، ޕީއެންސީގެ ކެންޑިޑޭޓު މުޙައްމަދު
ނަޒީހު މޮޅުވުމަށް މަގުފަހިވެގެންދިޔައީ އެވެ. އެހެންވެ އެމްޑީޕީގެ ކެންޑިޑޭޓުން
މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.

ސުޕްރީމް
ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ބުރާސްފަތި ދުވަހު ވަނީ ހައިކޯޓުގެ
ނިންމުން ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ، އެ ނިންމުން
ބާތިލުކޮށްފަ އެވެ.

ޙުކުމް
ކުރައްވަމުން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ވިދާޅުވީ، އިންތިޚާބުގެ
ނަތީޖާއަށް ބަދަލު އަންނަ ފަދަ ނިންމުމެއް ފަނޑިޔާރު ނިންމަވާއިރު، ރިއާޔަތްކުރަންޖެހޭ
ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން ގޮތް ނިންމާފައިވަނީ
އެ ޤާނޫނީ ނައްސުތަކާއި، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާވެސް ޚިލާފަށްކަމަށް
ފަނޑިޔާރުން ވިދާޅުވި އެވެ.

މީގެ
އިތުރުން، ވޯޓު ކަރުދާހުގައި ޗާޕުދެލި ހުންނަ ކޮންމެ ކަރުދާހަކީ ބާތިލު
ވޯޓެއްކަމަށް ނިންމާނަމަ، އިންތިޚާބުގެ ނިޒާމަށް ގެއްލުންވެ، އޭގެ ނޭދެވޭ އަސަރު
ކުރާނެކަމަށް ޤަބޫލު ކުރެވޭކަމަށްވެސް ފަނޑިޔާރުން ވިދާޅުވި އެވެ.

އިންތިޚާބީ
މައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ މުސްތަޤުބަލުގައި ބޭއްވޭ
އިންތިޚާބުތަކަށް އޭގެ ނަތީޖާ ފޯރާނެ ކަންކަން ކަމަށްވާތީ، މި މައްސަލައިގައި
ސުޕްރީމް ކޯޓުން ނިންމާ ގޮތަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމަށް ވަރަށް މުހިންމު
ނިންމުމަކަށް ވެގެންދާނެކަން އިލެކްޝަންސް ކޮމިޝަނުންވެސް ކޯޓުގައި
ފާހަގަކޮށްފައިވެ އެވެ.

ސުޕްރީމް
ކޯޓުގައި ވާހަކަދައްކަވަމުން އީސީގެ ވަކީލު ވިދާޅުވީ، ވޭވަށު ކައުންސިލްގެ
އިންތިޚާބުގެ މައްސަލައިގައި ހައިކޯޓުން ގޮތް ނިންމާފައިވަނީ ވޯޓު ކަރުދާސްތަކަށް
ބެލުމެއް ނެތި ކަމަށެވެ. އަދި މި މައްސަލައިގައި އީސީގެ ފަރާތުންނާއި ވޯޓު
ކަރުދާސް ޗާޕުކުރި ނޮވެލްޓީގެ ފަރާތުން ކޯޓުގައި ދެއްކި ވާހަކަތަކަށްވެސް
ހައިކޯޓުން ރިއާޔަތްކޮށްފައި ނުވާކަން ވަކީލު ފާހަގަކުރެއްވި އެވެ.

އީސީގެ
ވަކީލު އިތުރަށް ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ތެރޭގައި ކަރުދާހުގައި
ޖެހިފައި ހުންނަ ކުދި ތިކިތަކަކީ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައަޅާނަމަ، އޭގެ
ނޭދެވޭ އަސަރު ކުރިއަށް އޮތް އިންތިޚާބުތަކަށްވެސް ކުރާނެ ކަމަށެވެ. އެގޮތުން 2026
ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، ރެފަރެންޑަމް ވޯޓުތަކުގެ
ނަތީޖާއަށްވެސް މިފަދަ ނިންމުމެއްގެ ސަބަބުން އަސަރުކޮށް، މުޅި އިންތިޚާބީ
ނިޒާމަށް އިޔާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އެބައޮތް
ކަމަށް ވަކީލު ވިދާޅުވި އެވެ.

ހައިކޯޓުގެ
ނިންމުމަކީ އިންތިޚާބީ ނިޒާމު ހިނގާ ގޮތުގެ މައިގަނޑު އަސާސްތަކާ ޚިލާފު
ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައި، އީސީން ސުޕްރީމް ކޯޓުގައި އެދިފައިވަނީ
ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް
ކަނޑައަޅުއްވައިދެއްވުމަށެވެ.