ދިވެހި ފުލުހުންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު ޚިދުމަތްކުރެއްވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކް އަރުވައިދެއްވައިފައެވެ.

މި ރޭންކް އަރުވައިދެއްވީ އޭނާ ދެއްކެވި ނަމޫނާ މަސައްކަތާއި މަސައްކަތަށް ބެހެއްޓެވި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފް ނިޔާވީ ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށެވެ. އޭނާގެ ވަކިވެދިއުމަކީ މުއައްސަސާއަށާއި އަޙްމަދު އާސިފް ވަފާތެރިކަމާއެކު ޚިދުމަތްކުރެއްވި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ފުލުހުން ބުނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މަގާމުގެ ކުރިއެރުމަކީ މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމުގައި އަޙްމަދު އާސިފް އަދާކުރެއްވި އިހުލާސްތެރި ދައުރާއި ކުރެއްވި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ޝަރަފެކެވެ.

އަޙްމަދު އާސިފް ދިވެހި ފުލުހުންގެ ޚިދުމަތުގައި ދެއްކެވި ނަމޫނާއާއި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކުގައި ކަމަށް ފުލުހުން ބުނެއެވެ.

ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާސިފްގެ އާއިލާއަށާއި ލޯބިވާ ފަރާތްތަކަށާއި ރަހުމަތްތެރިންނާއި އެކުގައި މަސައްކަތްކުރެއްވި އެންމެހާ މުވައްޒަފުންނަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނުހަނު އިހުލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ދިވެހި ފުލުހުންގެ ދުޢާއަކީ މާތްﷲ އަޙްމަދު އާސިފްގެ ފުރާނައަށް ރަޙުމަތްލައްވައި ކުށްފާފަތައް ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަޙްމަދު އާސިފް ދިވެހި ފުލުހުންގެ ޚިދުމަތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އޭނާ އަކީ ވަރަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި ހުރިހާ ފަރާތްތަކުން ދެނެގަންނަވާ ބޭފުޅެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ 2026 ޖޫން 11 ވީ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެގޮތުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބޭނުންކުރި "ޕޮލިސް ލޯންޗް 57" ގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އޮފިސަރަކު ގެއްލުނުކަން އެނގުމާއެކު، އެ ސަރަހައްދުގައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. އޭނާއަކީ އެވަގުތު ލޯންޗުގައި ޑިއުޓީގައި ހުރި އޮފިސަރެކެވެ. 

މި އޮފިސަރު ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އޭނާ ފެނިފައިވަނީ މޫދުގެ އަޑިންނެވެ. އޭނާ ފެނުމާއެކު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، އޭނާ އެ ތަނަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، އޮޕަރޭޝަންގެ ތެރެއިން ކަން ހިނގާދިޔަ ގޮތް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.