ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލި މައްސަލައިގައި ޖަވާބު ދިނުމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ދެކޮޅު ހައްދަވައިފި އެވެ. 

ރާއްޖެއެމްވީން ވަނީ ކުރީގެ ކޮންޓްރޯލަރ ޝަމްއާނަށް ޖަލުން ލިބެންޖެހޭ ބައެއް އިނާޔަތްތައް ކަނޑާލި މައްސަލަައިގައި މުންދުއާ ވަޓްސްއަޕް މެދުވެރިކޮށް ސުވާލު ކޮށްފަ އެވެ. އަދި ޝަމްއާން ބަހައްޓާފައި ހުރި ގޮޅީގެ އޭސީ ނައްޓާލާފައިވާ ކަމާއި، އެއީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގައި ތިބޭ މީހުންނަށް ލިބޭ އިނާއަތެއްކަން ފާހަގަކޮށްފަ އެވެ.

ނަމަވެސް މިސުވާލާ ގުޅިގެން މުންދު ވިދާޅުވީ، އޮއްޓަރު ހުރި އެއްޗެއް އަހާފިނަމަ ޖަވާބު ދޭނެ ކަމަށާއި، މިއީ ޚަބަރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއީ ސަރުކާރުގެ ތަރުޖަމާނު ގާތު އަހާ ވަރުގެ ސުވާލެއް ނޫން ކަމަށެވެ.

މި މައުލޫމާތު ދީފައިވަނީ ކަރެކްޝަންސްގައި މަސައްކަތް ކުރާ އޮފިސަރެއްކަން ފާހަގަކުރުމުން މުންދު ވިދާޅުވީ މިކަހަލަ ކިތައް އަޑެއް އިވޭނެ ކަމަށާއި، ނިދީގައި ހުވަފެނުން ވެސް ފެންނާނެ ކަމަށެވެ. 

ތިއީ ކޮންކަހަލަ ސުވާލެއް. ''ނަތިން ޓު ސޭ އެބައުޓް ވަޓްސްސޯއެވަރ'' 
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު)

މީގެ އިތުރުން މުންދު ވިދާޅުވީ ވަކިވަކި ގައިދީންގެ މައުލޫމާތު މީޑިއާއަށް ނުދޭނެ ކަމަށާއި، ވަކި ސްޓޭންޑަޑްތަކެއް ހުންނާނެ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހޯމް މިނިސްޓްރީ އަދި ކަރެކްޝަންސްގެ ޖަވާބެއް އަދި ނުލިބޭކަން ފާހަގަކުރުމުން މުންދު ވިދާޅުވީ އެ މައުލޫމާތު ނުދޭކަން ޚަބަރުގައި ޖެހުމަށް އެދޭ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އެޗްއާރްސީއެމްގެ ބަހެއް ހޯދުމަށް މުންދު އެދިވަޑައިގެންނެވި އެވެ. 

މުންދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، މިސަރުކާރުން ހުރިހާ މައުލޫމާތެއް ދެފުށް ފެންނަ ހަރުދަނާ ސިޔާސަތެއްގެ ދަށުން ހާމަ ކުރަމުންދާ ކަމަށް މުންދުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.